ބޭރުދުނިޔެލައިފްސްޓައިލް

ބަރުދަން ލުއިކުރާ ބޭހުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭ ޔޫރަޕްގެ ފުރަތަމަ ގައުމަށް ފަރަންސޭސިވިލާތް

ބަރުދަން ލުއިކުރާ ބޭހުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭ ޔޫރަޕްގެ ފުރަތަމަ ގައުމަށް ފަރަންސޭސިވިލާތް ވެއްޖެއެވެ.

އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ޚާއްޞަ ބޭސްތަކުގެ ޚަރަދު އެ ގައުމުގެ ސިއްހީ އިންޝުއަރެންސްގެ ދަށުން ހަމަޖައްސައިދޭން ފަށާނެ ކަމަށް ފަރަންސޭސިވިލާތުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވަނީ އިޢުލާން ކުރައްވައިފައެވެ. މި ނިންމުމާއެކު ފަރަންސޭސިވިލާތް ވެގެންދާނީ ބަރުދަން ލުއިކުރާ ބޭސްތަކަށް ދާއިމީ ގޮތެއްގައި standard coverage ގެ ދަށުން ޚަރަދު ބަލަހައްޓައިދޭ ޔޫރަޕްގެ އިއްތިހާދުގެ ފުރަތަމަ ގައުމަށެވެ.

ފަރަންސޭސިވިލާތުގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، ރަސްމީގޮތުން ބޭހުގެ އަގުން ރީއިމްބާސް ނުވަތަ އަނބުރާ ދައްކައިދޭނީ 65 އިންސައްތަ ކަމަށްވީ ނަމަވެސް، ބަރުދަން އިތުރުވުމުގެ ސަބަބުން ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ބަލިމީހުންނަށް މި ބޭސްތައް މުޅިން ހިލޭ (100 އިންސައްތަ ކަވަރޭޖާއެކު) ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ބޭސް ބޭނުންކުރާ ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ނިންމުމުގެ ދަށުން ޚަރަދު ހަމަޖައްސައިދޭ ބޭސްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތައް ކަމަށްވާ ނޯވޯ ނޯޑިސްކްގެ ‘ވީގޯވީ’ (Wegovy) އަދި އީލައި ލިލީގެ ‘މައުންޖާރޯ’ (Mounjaro) ހިމެނެއެވެ. މިއީ އިންސާނާގެ ކާހިތްވުން ކުޑަކޮށްދޭ ހޯމޯނެއްގެ މަސައްކަތް ކޮޕީކޮށްގެން، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އާ ޖީލެއްގެ ބޭސްތަކެކެވެ.

ފަރަންސޭސިވިލާތުގައި 2024 ވަނަ އަހަރުން ފެށިގެން މި ބޭސްތައް ޑޮކްޓަރުންގެ ބޭސްސިޓީއަށް ވިއްކަމުން އައި ނަމަވެސް، މިހާތަނަށް މިއީ އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހޭ ބޭސްތަކެކެވެ. އެގޮތުން މި ބޭސްތައް ބޭނުންކުރުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 300 ޔޫރޯ ޚަރަދުވާތީ، ގިނަ ބަޔަކަށް މި ބޭސް ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށްވެސް އެ ގައުމުގައި 70،000 އަށްވުރެ ގިނަ މީހުން ދިޔައީ ‘މައުންޖާރޯ’ ބޭނުންކުރަމުންނެވެ.

ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި ފަރަންސޭސިވިލާތުގެ އާބާދީގެ 18 އިންސައްތަ، އެބަހީ ގާތްގަނޑަކަށް 10 މިލިއަން މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވެ، ފަލަވުމުގެ މައްސަލަ (Obesity) ކުރިމަތިވެފައިވާ މީހުންނެވެ. އަދި މުޅި ޔޫރަޕްގެ އިއްތިހާދަށް ބަލާއިރު 16 އަހަރުން މަތީގެ އާބާދީގެ 51 އިންސައްތަ މީހުންގެ ބަރުދަން އިތުރުވުމުގެ މައްސަލަ ހުރިއިރު، 17 އިންސައްތަ މީހުންނަކީ ފަލަވުމުގެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close