ޚަބަރު

އާންމުންގެ ނުރުހުމާ އެކު ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 33،000 އަށް ކުޑަކޮށްފި

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނަށް ދިނުމަށް ކުރިން ކަނޑައެޅި ބޮޑު މުސާރައަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ނޭޝަނަލް ޕޭ ކޮމިޝަނުން އެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކޮށްފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް މަހަކު 41،000 ރުފިޔާ ދިނުމަށެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި އެފަދަ ބޮޑު އުޖޫރައެއް ކަނޑައެޅުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އެކަމަށް ވަނީ އަމާޒުވެފައެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވި ގޮތުގައި، ސިޓީތަކުގެ ރައީސުންގެ މުސާރަ ކުޑަކުރި ނަމަވެސް، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް ދޭން ނިންމި 21،000 ރުފިޔާގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި ބަދަލާއެކު ވެސް މިއީ އަންހެނުންގެ ކޮމިޓީތަކުގެ މުސާރައަށް އައި ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ނިމާލް ވަނީ ސިފަކުރައްވާފައެވެ. އެގޮތުން މީގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުން އައީ އެންމެ 7،000 ރުފިޔާ ކަމަށްވާއިރު، މިހާރު ކަނޑައެޅި މުސާރައަކީ ކުރިއާ އަޅާބަލާއިރު 26،000 ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.

މީގެ އިތުރުން ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6،000 ރުފިޔާ އާއި މެންބަރުންނަށް 5،000 ރުފިޔާ ލިބޭނެ ގޮތަށް މިހާރު ވަނީ އުސޫލުތައް އެކުލަވާލާފައެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ކުރައްވާނެ ކަމަށެވެ.

މުސާރައިގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުވަތަ ރޯދަ އެލަވަންސް ލިބޭނެ ގޮތް ހެދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ދުވަސްތަކުގައި ވަނީ ފާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close