ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑަށް ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ މާލެ ސިޓީއަށާއި މ. މުއްޔަށެވެ. އެގޮތުން މާލެއަށް އެކަނިވެސް 49.7 މިލިމީޓަރުގެ ވާރޭ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ ވެހިފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނަކަށް އުފުލޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
