ޚަބަރު

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް، ފުރަތަމަ 10 ރަށުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ބިނާކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، އެންމެ ފުރަތަމަ މިފަދަ ޕާކުތައް ތަރައްޤީކުރާނެ 10 ރަށެއް ކަނޑައަޅައި، އެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ގުދުރަތީ މާޙައުލު ހިމާޔަތްކޮށް، އިކޯ-ޓޫރިޒަމްގެ ތެރެއިން ރަށްރަށަށް އިޤްތިޞާދީ ނަފާ ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަށް ޝައުޤުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމަށް 2024 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ގިނަ އަދަދެއްގެ ރަށްތަކަކުން ވަނީ ކުރިމަތިލާފައެވެ. މިގޮތުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު 10 ރަށް މިހާރު ވަނީ މަސައްކަތް ފެށުމަށް ހޮވާފައެވެ.

ނޭޗަރ ޕާކު ތަރައްޤީކުރުމަށް ހޮވިފައިވާ ރަށްތަކަކީ:

  • ހއ. މޮޅަދޫ
  • ހދ. ކުމުންދޫ
  • ނ. ލަންދޫ
  • ކ. ހުރާ
  • އދ. އޮމަދޫ
  • މ. ކޮޅުފުށި
  • ތ. ކިނބިދޫ
  • ލ. ގަން
  • ގއ. ކޮނޑޭ
  • ގދ. ފިޔޮރީ

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ހޮވުނު ރަށްތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، އެ ރަށްރަށުގެ ގުދުރަތީ ސިފަތަކަށް ބިނާކޮށް ޕާކުތަކުގެ ކޮންސެޕްޓާއި މަސައްކަތް ކުރިއަށްދާނެ ސްކޯޕް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކައުންސިލްތަކާއެކު ގްރާންޓް އެގްރިމަންޓްގައި ސޮއިކުރުމުގެ ފަހުގެ ތައްޔާރީތަކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޕާކުތައް ބިނާކުރުމުގެ ބޭނުމަކީ ތިމާވެށި ހިމާޔަތްކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމެވެ. މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ހިންގަމުންދާ ނޭޗަރ ޕާކުތަކުގެ ސަބަބުން އެ ސަރަޙައްދުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close