އެމްޑީޕީގެ މެންބަރުން އިތުރުކުރުމަށް ދިން ވަގުތާއި މެދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު، ޕާޓީއަށް އަލަށް މީހުން ވަނުމަށް ދީފައިވާ މުހުލަތު ކުރުކޮށްލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހއ. އަތޮޅުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، މިއީ ޕާޓީއަށް އިތުރު މީހުން ވަނަނުދިނުމަށް “ވަގުތީ ބެލެނިވެރިން” ރާވައިގެން ކުރި ކަމެކެވެ. މި އިންތިހާބުގައި ނަޝީދުގެ އިތުރުން މީކާއިލް ނަސީމާއި އަލްހާން ފަހުމީ ވެސް ވާދަކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޕާޓީގެ ހިންގުން މިވަގުތު ހަވާލުކޮށްފައިވަނީ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ އާއި ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ފައްޔާޒު އިސްމާއީލް ހިމެނޭ ކޮމިޓީއަކަށެވެ. ނަޝީދު ވިދާޅުވީ ޕާޓީއަށް ވަނުމުގެ ފުރުސަތު ހަނިކުރުމަށް ދަންތުރަ ޖެހި ނަމަވެސް އާންމު މެންބަރުން އެއަށްވުރެ މާ ހުޝިޔާރު ކަމަށެވެ. އަދި މިހާތަނަށް 10,000 އަށް ވުރެ ގިނަ މީހުން އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީން ހާމަކޮށްފައިވާގޮތުގައި މެމްބަރުން އިތުރުކުރުމަށް ދިން ވަގުތުގައި އެ ޕާޓީއަށް އިތުރަށް ވަދެފައި ވަނީ 4,868 މީހުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ނިމޭތާ ހަފުތާއެއް ފަހުން ޗެއާޕާސަން އިންތިހާބު ރަސްމީކޮށް އިއުލާން ކުރުމަށެވެ. ނަޝީދު ވަނީ ޕާޓީއާ އަލަށް ގުޅުނު ހުރިހާ މެންބަރުންނާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

