މަރަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ބޮޑު ޙަޤީޤަތް؛ އެ ދުވަހަށް ތައްޔާރުވޭ: ޚުޠުބާ

މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަތިލާންޖެހޭނޭ އެންމެ ބޮޑު ޙަޤީޤަތް ކަމަށާއި، އެއީ އެއްވެސް މީހަކަށް އޭގެއިން ރެކިގަނެވޭނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. “މަރު” މި މައުޟޫއަށް ޚާއްޞަކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ވަނީ މަރަށް ތައްޔާރުވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރަކީ ކޮންމެ މީހަކަށް ވެސް ޔަގީންވެގެންވާ ކަމަކަށް ވާތީ، މާތް الله ސުބްޙާނަހޫ ވަތަޢާލާ ވަނީ މަރަށް “ޔަޤީން” ގެ ނަމުން ނަންދެއްވައިފައެވެ. އަދި ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވާ ފަދައިން، މަރު އަތުވެއްޖައުމަށް ދާންދެން މާތް الله އަށް އަޅުކަން ކުރުމުގައި ދެމިތިބެން ޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ދުނިޔޭގެ ޙަޔާތުގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި ވިޔަފާރިތައް ދޫކޮށް ދާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫންކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، އެއީ އާއިލާގެ މީހުންނާއި އެކުވެރިން މާޔޫސްކަމާއި ހިތާމައިގައި ތިއްބާ، އަދި ސިއްހީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ވެސް ފުރާނަ ސަލާމަތް ނުކުރެވި، ދުނިޔެއާ ވަކިވާންޖެހޭ އެންމެ ވޭންދެނިވި ވަގުތު ކަމަށެވެ.
މީގެ އިތުރުން، ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ބަޔާންކުރަމުން ޚުތުބާގައި ބުނީ، އެއްދުވަހަކު ބޭކަލަކު ފަސްދާނުލުމުގެ ކަންތައް ކުރިއަށްދަނިކޮށް ރަސޫލާ ﷺ އެ ތަނަށް ވަޑައިގެން، ކަށްވަޅު ކައިރީގައި އިށީނދެވަޑައިގެން ފަސްގަނޑު ތެމިއްޖައުމަށް ދާންދެން ކީރިތި ކުރެއްވި ކަމަށެވެ. އަދި ސަހާބީންނަށް މުހާތަބު ކުރައްވައި “އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ދުވަހަކަށް ތިޔަބައިމީހުން ވެސް ތައްޔާރުވާށެވެ!” މިފަދައިން ހަދީޘް ކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާނެކަން ފާހަގަކުރައްވައި ޚުތުބާގައި އިތުރަށް ބުނީ، ކިތަންމެ އާރާއި ބާރުގެ ވެރި ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި ފާރަވެރިން ތިބި ނަމަވެސް، މަލަކުލް މައުތު އަލައިހިއްސަލާމް އެ ތަންތަނަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، “އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.”
ޚުތުބާ ނިންމާލަމުން ވަނީ، މަރުވާނެކަމާއި މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެކަމަށް ތައްޔާރުވުމަށް ގޮވާލާފައެވެ. އެގޮތުން ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކޮށް ތައުބާވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި އިސްލާމީ އުންމަތަށް އިލްތިމާސްކުރިއެވެ.
