ސިނަމާލެ ބްރިޖު ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ސިނަމާލެ ބްރިޖު ދަށުގައި ބިދޭސީންތަކެއް ނިދައި، ދިރިއުޅެމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބްރިޖު ދަށުގައި ބަޔަކު ދިރިއުޅުމަށް ބޭނުންކުރާނެ ތަންމަތި އަޅައި، އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެތަނުގައި އުޅެނީ ބިދޭސީން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ ބްރިޖު ސަރަހައްދަކީ މީހުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ތަނަކަށް ނުވާތީ، އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށެވެ.. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހަމައެކަނި ގާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާނެއެވެ.
މިފަދަ ކަންކަމަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ކަންކަން ކަމަށްވާތީ، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލެ ސަރަހައްދުގެ އަމާންކަން ގާއިމުކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
