ޓްވިޓަރުގެ ހިއްސާގެ އަގު ވައްޓާލަން އީލޮން މަސްކު މަސައްކަތްކުރި – ހިއްސާދާރުން

ޓްވިޓަރުގެ ހިއްސާގެ އަގު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މަސްކާ ދެކޮޅަށް ކުރާ ދަޢުވާގެ ފަހުބަސް އިއްވުން ގާތްވެއްޖެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އީލޮން މަސްކާ ދެކޮޅަށް ޓްވިޓަރު (މިހާރުގެ އެކްސް) ގެ ހިއްސާދާރުން އެމެރިކާގެ ކޯޓެއްގައި ކުރިއަށްގެންދާ ޝަރީޢަތުގެ ފަހުބަސް އިއްވުމުގެ މަރުހަލާ ފެށުމަށް މިވަނީ ތައްޔާރުވެފައެވެ. ހިއްސާދާރުން ތުހުމަތުކުރާ ގޮތުގައި، 2022 ވަނަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓަރު ގަތުމަށް މަސްކު އެއްބަސްވުމަށްފަހު، އެ އެއްބަސްވުމުން ވަކިވާން އުޅުނު އުޅުމުގައި އޭނާ ވަނީ އިންވެސްޓަރުންނަށް އޮޅުވާލައި، މަކަރުވެރި އަމަލުތަކެއް ހިންގާފައެވެ.
މި މައްސަލައިގެ ފަހު ބަހުސްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހަށެވެ.
ސެން ފްރާންސިސްކޯގައި ކުރިއަށްދާ މި މަދަނީ ކޯޓު މައްސަލައަކީ، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަސްކު ޓްވިޓަރުގެ ކޮންޓްރޯލް ހޯދުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހުށަހެޅި ‘ކްލާސް އެކްޝަން’ ލޯސޫޓެކެވެ. މަސްކު މި ކުންފުނި ގަނެފައިވަނީ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން، ޖުމްލަ 44 ބިލިއަން ޑޮލަރަށެވެ. މިއީ ޓެސްލާގެ ސީ.އީ.އޯ މަސްކުގެ މިހާރުގެ މިލްކިއްޔާތު ކަމަށް ބެލެވޭ 839 ބިލިއަން ޑޮލަރާ އަޅާބަލާއިރު ކުޑަ މިންވަަރެކެވެ.
މި ޝަރީޢަތުގައި ބޮޑަށް ބަހުސް ކުރެވުނީ ޓްވިޓަރުގައި ހުންނަ ފޭކް އެކައުންޓްތަކާ ނުވަތަ “ބޮޓްސް” ތަކާ ބެހޭގޮތުން މަސްކު ދެއްކި ވާހަކަތަކަށެވެ. މަސްކު ކޯޓުގައި ބުނެފައިވަނީ، ޓްވިޓަރުން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބުނާ 5 އިންސައްތައަށްވުރެ މާ ގިނަ އަދަދަކަށް އެ ޕްލެޓްފޯމްގައި ފޭކް އެކައުންޓްތައް ހުރި ކަމަށެވެ. އޭނާ އެ އެއްބަސްވުމުން ވަކިވާން މަސައްކަތްކުރީ، ޓްވިޓަރުން މި މަޢުލޫމާތު އޮޅުވާލާފައިވާ ކަމަށް ބުނެ އެކަން އުޒުރަކަށް ދައްކައިގެންނެވެ.
މަސްކު އެއްބަސްވުމުން ވަކިވާން އުޅުމާ ގުޅިގެން، ޓްވިޓަރުން ޑެލަވެއާގެ ކޯޓަށް މައްސަލަ ހުށަހެޅީ ކުރިން އެއްބަސްވި ގޮތަށް ކުންފުނި ގަތުމަށް އޭނާއަށް މަޖުބޫރު ކުރުވުމަށެވެ. އެ މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މަސްކު އަނެއްކާވެސް އޭނާގެ ނިންމުން ބަދަލުކޮށް، ކުރިން އެއްބަސްވި އަގަށް ޓްވިޓަރު ގަތުމަށް އެއްބަސްވިއެވެ.




