ޚަބަރު

ރާއްޖެ ތެލަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ސަޢީދު ދެއްވައިފި

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައި ވީނަމަވެސް، ރާއްޖެ ތެލަށް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހާލަތަށް ބަލައި ތެޔޮ ލިބޭނެ އިތުރު ގޮތްތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އަދި އެންމެ ދަތި ހާލަތެއްގައިވެސް ކާބޯތަކެއްޗާއި ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގެ ތެޔޮ ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި، މުޅި ރާއްޖެއަށް ބޭނުންވާ ތެލާއި އެލްޕީޖީގެ އިތުރުން އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ހަކަތަ ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close