އެޕަލް އިން އައިފޯން 17އީ ތައާރަފްކޮށްފި: އަގަކީ 599 ޑޮލަރު، ސްޓޯރޭޖް 256 ޖީބީ

ދުނިޔޭގެ މާކެޓުގައި ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ކުރި ހޯދުމުގެ ގޮތުން، އެޕަލް ކުންފުނިން އެންމެ ފަހުގެ “އައިފޯން 17އީ” (iPhone 17e) ހޯމަ ދުވަހު ތައާރަފްކޮށްފިއެވެ.
އެޕަލްގެ އެހެން މޮޑެލްތަކާ އަޅާބަލާއިރު އަގުހެޔޮކޮށް ނެރުނު މި ފޯނުގެ އަގު ފެށެނީ 599 އެމެރިކާ ޑޮލަރުންނެވެ. މި މޮޑެލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މީގެ ކުރިން ބޭސިކް މޮޑެލްތަކުގައި ހުންނަ ސްޓޯރޭޖަށްވުރެ އިތުރުކޮށް، 256 ޖީބީގެ ސްޓޯރޭޖް މި އަގުގައި ހިމަނާފައިވުމެވެ. ދުނިޔޭގެ ބާޒާރުގައި މެމޮރީ ޗިޕްތަކުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައިވެސް، އެޕަލް އިން މި ނިންމުން ނިންމާފައިވަނީ ކަސްޓަމަރުންނަށް ފޯނުގެ އަގު ހެޔޮކޮށް ދިނުމުގެ މަގްސަދުގައެވެ.
މުހައްލިލުން ދެކޭގޮތުގައި، ކުރިން އިތުރު އަގު ދައްކައިގެން ލިބޭ ސްޓޯރޭޖް މިހާރު ހަމަ އެއް އަގެއްގައި ދިނުމަކީ މާކެޓުގައި އެޕަލްގެ ހިއްސާ ދެމެހެއްޓުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ.
އައިފޯން 17އީ ގައި ބޭނުންކޮށްފައިވަނީ 3 ނެނޯމީޓަރުގެ ޓެކްނޮލޮޖީއަށް އުފައްދާފައިވާ އޭ19 (A19) ޗިޕެވެ. މީގެ އިތުރުން، މި ފޯނުގައި ހިމެނޭ އައު ސީ1އެކްސް (C1X) މޮޑަމްގެ ސަބަބުން އިންޓަރނެޓްގެ ސްޕީޑް އަވަސްވެ، ބެޓެރީ ހޭދަވާ މިންވަރު ކުޑަވާނެ ކަމަށް އެޕަލް އިން ބުނެއެވެ. އަދި “އީ” ސީރީޒްގައި އަލަށް “މެގްސޭފް” (MagSafe) ޗާޖިންގް އަށްވެސް މި ފޯނުގައި ވަނީ ފުރުސަތު ދީފައެވެ.
މި ފޯނަށް އޯޑަރު ކުރުމުގެ ފުރުސަތު 70 އަށްވުރެ ގިނަ ގައުމުގައި ބުދަ ދުވަހު ހުޅުވާލާއިރު، މާރިޗު 11 އިން ފެށިގެން ފޯނު ވިއްކަން ފަށާނެއެވެ.
އައިފޯނުގެ އިތުރުން، އެޕަލް އިން ވަނީ އެމް4 (M4) ޗިޕާއެކު އައު އައިޕެޑް އެއާ (iPad Air) ވެސް ތައާރަފްކޮށްފައެވެ. މީގެ 11 އިންޗީގެ މޮޑެލް 599 ޑޮލަރަށް ލިބޭއިރު، 13 އިންޗީގެ މޮޑެލްގެ އަގަކީ 799 ޑޮލަރެވެ.
މީގެ އިތުރުން، އެޕަލްގެ “ސިރީ” (Siri) އިތުރަށް ފުރިހަމަކުރުމަށްޓަކައި ގޫގުލްގެ “ޖެމިނައި” (Gemini) އޭއައި ބޭނުންކުރުމާ ބެހޭގޮތުން ދެ ކުންފުނިން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެޕަލް ނުވަތަ ގޫގުލް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
