ބޭރުދުނިޔެ

މެދުއިރުމަތީގެ މަޝްރަހު ފިނިކުރުމަށް ރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގައި ހަމަލާ ބަދަލުކުރުންތައް އިތުރުވެ، މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކުންވެސް ހަމަލާތައް ހުއްޓާލައި ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އިސްކަންދިނުމަށް ދިވެހި ސަރުކާރުން މިއަދު ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މިއަދު ހިނގާދިޔަ ނުރައްކާތެރި ހަމަލާ ބަދަލުކުރުންތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މަޝްރަހު އިތުރަށް ގޯސްވިޔަނުދީ، ސުލްހަވެރި ހައްލެއް ހޯދުމަށް ހުރިހާ ދައުލަތްތަކަކުން ބާރުއެޅުމަށް ރާއްޖެއިން ވަނީ އެދިފައެވެ.

ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އދ. ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ބޯލަނބަންޖެހެއެވެ. އެގޮތުން، ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ ރައްކާތެރިކަމަށް އެއް ގައުމުން އަނެއް ގައުމުން އިހުތިރާމްކުރުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މެދުއިރުމަތީގެ މަޝްރަހު މިހާ ބޮޑަށް ހޫނުވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close