މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުދީ ޒިންމާ އަދާކުރަންޖެހޭ: ރައީސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިމަހުގެ 24 ވަނަ ދުވަހު ސިނަމާލެ ބްރިޖް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެމަނިކުފާނު ވަނީ ހުރިހާ ފަރާތްތަކަށްވެސް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، އެމަނިކުފާނުގެ ރަސްމީ އެކްސް (ކުރިން ޓްވިޓަރ) އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، މާލޭ ބޮޑުތަކުރުފާނު މަގު، ސިނަމާލެ ބްރިޖް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ، މަގުމަތީގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިފަންޖެހޭ އާދައެއް ކަމަށް ހާމަކުރައްވާފައެވެ. މިކަމުގައި މުޅި މުޖްތަމަޢުގެ އެއްބާރުލުން ނެތި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެކަން ފާހަގަކުރައްވަމުން، ކޮންމެ ރައްޔިތަކުމެ ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް އެމަނިކުފާނު ވަނީ އަނެއްކާވެސް އިލްތިމާސްކުރައްވާފައެވެ.
ފުލުހުން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރުއެވެ. ބޮޑުތަކުރުފާނު މަގު، ސިނަމާލެ ބްރިޖް ސަރަޙައްދުގައި ހިނގި މި ހާދިސާގައި، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރާފައިވަނީއެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ، ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއެވެ. މިއީ މުޅި މުޖުތަމައަށް ލިބުނު ފުން ހިތާމައެކެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. މި މައްސަލަ ފުލުހުން މިހާރުވެސް އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.


