ޚަބަރު

ފެނަކައިން ކެންދޫގައި އިމާރާތްކުރި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

ބ. ކެންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް ބިނާކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ކެންދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އިމާރާތްތައް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އެވެ.

ކެންދޫގެ އައު އިންޖީނުގެ ބިނާކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ އަމިއްލަ ފަރާތަކާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެނަކައިން ވަނީ އަމިއްލައަށް އެ މަސައްކަތާ ހަވާލުވެފައެވެ. އަދި ނުނިމި ހުރި މަސައްކަތްތައް ފެނަކައިގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި އައު އިންޖީނުގެއަކީ ޖާގަ ތަނަވަސް، މަސައްކަތް ކުރުމަށް ފަސޭހަ ތަނެކެވެ. މި އިންޖީނުގޭގައި ހަތަރު ބެޑް ހިމެނޭއިރު، ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން 600 ކިލޯވޯޓުގެ މުޅިން އައު އިންޖީނެއްވެސް މިހާރު ވަނީ މި އިންޖީނުގޭގައި ބަހައްޓާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުން ބުނީ، ކެންދޫގައި އަލަށް ހުޅުވުނު މި އިންޖީނުގެއާއެކު އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވަމުންދިޔަ ދަތިތަކާއި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close