ދި ކެރެލާ ސްޓޯރީ 2: ސެންސަރު ބޯޑުން 16 ބަދަލެއް ގެންނަން އަންގައިފި

ބޮލީވުޑްގެ އިންތިޒާރު ކުރެވެމުންދާ ފިލްމު “ދި ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް” ރިލީޒްކުރުމުގެ ކުރިން، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން އެ ފިލްމަށް 16 ބަދަލެއް ގެނައުމަށް އަންގައިފިއެވެ.
މި ފިލްމަށް ޔޫ/އޭ 16+ (U/A 16+) ސެޓިފިކެޓެއް ދީފައިވާއިރު، ސެންސަރު ބޯޑުން ވަނީ ފިލްމުގައި ހިމެނޭ ބައެއް އަސަރުގަދަ އަދި އަނިޔާވެރި މަންޒަރުތަކެއް ބޮޑުތަނުން ކުރުކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ފިލްމުގައި ހިމެނޭ ބޮސްދޭ މަންޒަރުތަކާއި ރޭޕްގެ މަންޒަރުތައް 50 އިންސައްތަ ކުރުކުރުން ހިމެނެއެވެ. މިގޮތުން 7 ސިކުންތުގެ ބޮސްދޭ މަންޒަރަކާއި 20 ސިކުންތުގެ ރޭޕް މަންޒަރެއް ވަނީ ކުރުކޮށްފައެވެ.
މީގެ އިތުރުން، އަންހެނަކަށް އަނިޔާކުރާ މަންޒަރުތަކާއި ބޮލުގައި ތަޅާ މަންޒަރުތައް 2 ސިކުންތަށް ކުރުކުރުމަށާއި، ބުލްޑޯޒަރަކުން ގެއެއް ތަޅާލާ މަންޒަރަށް ބަދަލު ގެނައުމަށް ވެސް ބޯޑުން ވަނީ އަމުރުކޮށްފައެވެ. ފިލްމުގެ ތިން ޑައިލޮގެއް ބަދަލުކުރުމުގެ އިތުރުން، އެއް ބަސް މިއުޓް ކުރުމަށް ވެސް ވަނީ އަންގާފައެވެ.
ސީބީއެފްސީ އިން ވަނީ ފިލްމުގެ ފެށުމުގައި ދައްކާ ޑިސްކްލެއިމަރުގެ މުއްދަތު 2 މިނެޓާއި 3 ސިކުންތަށް އިތުރުކުރުމަށް އަންގާފައެވެ. މި ޑިސްކްލެއިމަރުގައި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއްކަން ބަޔާންކުރަން ޖެހެއެވެ. އަދި ފިލްމުގައި ހިމެނޭ ހާދިސާތަކުގެ ހަގީގީ ލިޔެކިޔުންތަކާއި ސްކްރިޕްޓް ބޯޑަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.
ވިޕުލް ޝާހް ޕްރޮޑިއުސްކޮށް، ކަމަކްޔާ ނަރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ އުލްކާ ގުޕްތާ، އަދިތީ ބަޓިއާ އަދި އައިޝްވަރިޔާ އޯޖާ އެވެ.
ސެންސަރު ބޯޑުން އެދުނު ބަދަލުތައް ގެނައުމަށްފަހު، މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހު ފިލްމަށް ވަނީ ސެންސަރު ސެޓިފިކެޓް ދޫކޮށްފައެވެ. ޖުމްލަ 2 ގަޑިއިރާއި 11 މިނެޓްގެ މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.



