ހެޔޮޢަމަލުތައް ގިނަކުރުމަށް ބާރުއަޅަމާ ހިނގާށެވެ! (ފުރަތަމަ ބައި)

މާތްވެގެންވާ އިސްލާމްދީނަކީ ހެޔޮކަންކަމަށް އަމުރުކުރައްވައި، ނުބައި މުންކަރާތްތަކުން ދުރުހެލިވުމަށް ގޮވާލާ މަތިވެރި ދީނެކެވެ. ހެޔޮޢަމަލަކީ ކޮބައިކަމާއި، ދުރުހެލިވާންޖެހޭ ނުބައި ކަންކަމަކީ ކޮބައިކަން މާތްﷲ ވަނީ އެކަލާނގެ ކަލާމްފުޅު ކީރިތި ޤުރުއާނުގައާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން، ކުޅަދާނަވީ މިންވަރަކުން ހެޔޮޢަމަލުތަކުގައި ދެމިތިބުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމެކެވެ.
އިސްލާމްދީނުގައި ހެޔޮޢަމަލުތަކުގެ ދާއިރާ ވަރަށް ފުޅަލެވެ. ނަމަވެސް، ހިތާމަޔަކީ ގިނަ ބަޔަކު މިފަދަ ކަންކަމަށް ފަރުވާކުޑަކޮށް، ކަންނެތްކަމާއެކު ދޫކޮށްލާތީއެވެ. ބައެއް ފަހަރު ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ދެކި ހެޔޮޢަމަލުތަކަށް އިހުމާލުވެވެއެވެ. ހެޔޮޢަމަލު ކުރުމަކީ ހަމައެކަނި ބޭރުފުށުގެ ސިފަތަކަށް ބަދަލު ގެނައުމެއް ނޫނެވެ. ތުބުޅި ބެހެއްޓުމާއި، ފޭރާން ހުންނަންޖެހޭ ވަކި މިންގަނޑުތަކަކީ ދީނުގައި އަންގަވާފައިވާ ހެޔޮކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ވިޔަސް، އެވަރުން ހުރިހާ ހެޔޮކަމެއް ފުރިހަމަވީ ކަމަށް ދެކިގެން ނުވާނެއެވެ. އަދި އެފަދަ ކަންކަމަށް އިސްކަންދޭއިރު، އެހެން މުސްލިމުން ކާފަރުކޮށް، މުޖުތަމަޢުގައި ފިތުނަ އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމުންނެވެ. އެކަކު އަނެކަކަށް ތުހުމަތުކޮށް، ދީނުން ބޭރުކުރަން އުޅުމަކީ އަޅުގަނޑުމެންގެ ބާރު ކެނޑި، ނިކަމެތިވެގެންދާނެ ކަމެކެވެ. ޤިޔާމަތް ދުވަހު އަޅުގަނޑުމެންނާ ސުވާލުކުރެވޭނީ އަދި ޖަޒާ ދެވޭނީވެސް ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށެވެ. ހެޔޮޢަމަލު ގިނަ މީހާއަށް އުފާވެރިކަން ހުރި އިރު، ނުބައި ޢަމަލު ގިނަ މީހާއަށް އޮތީ ހިތާމައާއި ހަބޭހެވެ.
ހެޔޮޢަމަލަކީ އެކަމެއް ކުރުމުން މާތްﷲގެ ހަޟުރަތުން ދަރުމައާއި ޘަވާބު ލިބޭ ކޮންމެ ކަމެކެވެ. ކޮންމެ ޢަމަލަކަށްވެސް އެކަމުގެ މިންވަރަށް ޘަވާބު ދެއްވާނެއެވެ. ނަމަވެސް އެކަމެއް ވާންޖެހޭނީ ދެއްކުންތެރިކަމެއް ނެތް، އިޚްލާޞްތެރި ޢަމަލަކަށެވެ. އެންމެ މަތިވެރި ގޮތަކީ ކުޑަ ޢަމަލެއް ނަމަވެސް އެކަމެއްގައި ދެމިހުރުމެވެ. އެކަމަކު ދާއިމީގޮތެއްގައި ނުކުރެވުނަސް، ފުރުޞަތު ލިބޭ ވަގުތު ހެޔޮޢަމަލެއް ކޮށްލުމަކީ ގެއްލުމެއް ހުރި ކަމެއް ނޫނެވެ. “ދާއިމަށް ނުކުރެވޭނޭ” ހިތައި ހެޔޮކަންކަން ދޫކޮށްލައިފިނަމަ، ހެޔޮޢަމަލު ކުރުމުގެ ފުރުޞަތު ތިމާއަށް އެއްކޮށް ގެއްލިގެން ހިނގައިދާނެއެވެ. އެހެންކަމުން، ކިތަންމެ ކުޑަ ކަމެއް ނަމަވެސް އެއީ ހެޔޮކަމެއް ނަމަ، މާތްﷲގެ ރުއްސެވުމަށް އެދި އެކަމެއް ކުރުމަށް އަވަސްވެގަންނާށެވެ. (ނުނިމޭ)
