ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ނުކުރާ މަސައްކަތެއް ނޯންނާނެ

ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ސިޓީގެ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދިޔަކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެމްޑީޕީގެ “ވިޔަފާރިއަށް ފަހި ލޯޗިންގ” މާލޭ-ކުޅުދުއްފުށީ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓްގެ ބިޔަ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެމެރިކާގެ ކުންފުންޏަކާއެކު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 1000 ހައުސިންގ ޔުނިޓް އެޅުމުގެ އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ސޮއިކުރި 1000 ހައުސިންގ ޔުނިޓްގެ މަޝްރޫއަށް ވީގޮތެއް ނޭނގޭ ކަމަށް އާތިފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރު ބަދަލުވުމަށްފަހުވެސް އެ މަޝްރޫއު ކުރިއަށްދާނެ ކަމަށް ބުނެފައިވާ ކަމަށާއި، އެމްޑީޕީގެ ސަރުކާރުން އެކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުންވެސް އަންގާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގައި އެޅުމަށް ވައުދުވި 2000 ހައުސިންގ ޔުނިޓްގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ފެށިފައި ނުވާ ކަމަށެވެ. “ދެ އަހަރު އަޅުގަނޑުމެން ސަރުކާރުގައި އާދޭސް ދަންނަވައި، މިނިސްޓަރުންގެ ފައިބުޑަށް ގޮސް ސަލާން ޖަހައި މިއަދާ ހިސާބަށް އައިރު މޮހޮރެއް ނުވަތަ ސިމެންތި ހަންޖެއްގެ ހިސާބުވެސް އެ ބޭފުޅުންނަށް ކުރެވިފައެއް ނެތް،” އާތިފް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ކުރިއަށް ނުދާތީ، ސިޓީ ކައުންސިލުން އިސްނަގައިގެން ރިއަލް އެސްޓޭޓް އުސޫލުން 150 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް އާތިފް ހާމަކުރެއްވިއެވެ. މި މަޝްރޫއަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، މާލީ ވުޒާރާއިން ހުއްދަ ނުލިބިގެން މަސައްކަތް މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުއްދައަށް އެދި ފޮނުވިތާ މިހާރު އަހަރެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު އާތިފް އިތުރަށް ވިދާޅުވީ، ސަރުކާރަށް ބޮޑެތި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ނުކުރެވޭނަމަ އެކަންކަން ކައުންސިލާ ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު ކުރިން ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި 7 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ މަޝްރޫއުތައް ވީރާނާވާން ދޫކޮށްލާފައި އޮތް ނަމަވެސް، އެ މަޝްރޫއުތައް ނިންމާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


