ބޭރުދުނިޔެ އިންޑިއާގެ ޗީފް މިނިސްޓަރަކު މުސްލިމުންނަށް ބަޑިޖަހާ މަންޒަރު ފެންނަ އޭއައި ވީޑިއޯއެއްގެ ސަބަބުން ބޮޑު ނުރުހުމެއް އަމާޒުވެއްޖެ

އިންޑިއާގެ ޗީފް މިނިސްޓަރަކު މުސްލިމުންނަށް ބަޑިޖަހާ މަންޒަރު ފެންނަ އޭއައި ވީޑިއޯއެއްގެ ސަބަބުން ބޮޑު ނުރުހުމެއް އަމާޒުވެއްޖެ

އިންޑިއާގެ ޗީފް މިނިސްޓަރަކު މުސްލިމުންނަށް ބަޑިޖަހާ މަންޒަރު ފެންނަ އޭއައި ވީޑިއޯއެއްގެ ސަބަބުން ބޮޑު ނުރުހުމެއް އަމާޒުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ އައްސާމް ސްޓޭޓްގައި ވެރިކަންކުރާ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އާންމުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. 12 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅޭ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރުމާ، މުސްލިމުންގެ ތަސްވީރަކަށް ބަޑިޖަހާ މަންޒަރު ފެންނަ މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި “ޕޮއިންޓް ބްލޭންކް ޝޮޓް” ގެ ނަމުގައި އާންމުކުރި މި 17 ސިކުންތުގެ ވީޑިއޯ، އާންމުންގެ ނުރުހުމާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތަކާ ގުޅިގެން މިހާރު ވަނީ ފޮހެލާފައެވެ.

މި ވީޑިއޯ އުފައްދާފައިވަނީ ސަރުމާ ބަޑިއެއް ހިފައިގެން ހުންނަ އަސްލު މަންޒަރުތަކަކާއި، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރުތަކެއް އެއްކޮށްލައިގެންނެވެ. އޭގައި އޭނާ ދެ މުސްލިމަކަށް ބަޑިޖަހާ މަންޒަރު ފެންނައިރު، އޭގެ ސުރުޚީއަކަށް ދީފައިވަނީ “ނޯ މާސީ” (އެއްވެސް ރަހުމެއް ނެތް) އެވެ. ކުރިއަށް އޮތް މާރިޗު ނުވަތަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް، އެ ސްޓޭޓްގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ މުސްލިމުންނާ ދެކޮޅަށް ސަރުމާ ނަފްރަތު އުފެއްދުމުގެ ކެމްޕޭނެއް ހިންގާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ވީޑިއޯއިން ފެންނަ އެކަކީ އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ މެންބަރެކެވެ.

މީގެ އިތުރުން، އެ ވީޑިއޯގައި ސަރުމާ ‘ކައުބޯއީ’ އެއްގެ ހެދުމުގައި ހުރެ ފިސްތޯލައެއް ދިއްކޮށްގެން ހުންނަ މަންޒަރުތަކަކާއެކު “ބޭރު މީހުންނާ ނުލައި އާސާމް” ފަދަ އިބާރާތްތައް ބޭނުންކޮށްފައިވެއެވެ.

މުސްލިމުންނާ ދެކޮޅު ވާހަކަތައް ފެތުރުމުގެ ތުހުމަތު ކުރެވޭ އައްސާމްގެ ބީޖޭޕީ ގޮފިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އައްސާމްގެ ބީޖޭޕީ ލީޑަރެއް ކަމަށްވާ ރަންޖީބު ކުމާރު ސަރުމާ ‘އިންޑިއަން އެކްސްޕްރެސް’ އަށް ބުނެފައިވަނީ، އެ ވީޑިއޯ މިހާރު ފޮހެލާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ޗީފް މިނިސްޓަރު ސަރުމާ ވަނީ ފަހަކަށް އައިސް މުސްލިމުންނާ ދެކޮޅަށް ދައްކާ ވާހަކަތައް ވަރުގަދަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، އައްސާމްގައި ދިރިއުޅޭ ބެންގާލީ ދަރިކޮޅުގެ މުސްލިމުންނަކީ ކުށްތަކާއި އާބާދީގެ ބަދަލުތަކާ ގުޅުންހުރި ބައެއް ކަމަށް އޭނާ ދަނީ ތުހުމަތުކުރަމުންނެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.