ބޭރުދުނިޔެ

ޕާކިސްތާނުގެ ސިފައިން ޣައްޒާއަށް ފޮނުވުމަށް އެ ޤައުމުގެ ގިނަބައެއްގެ ތާޢީދު

ޕާކިސްތާނުގެ އިސްލާމްއާބާދުން ލިބޭ ޚަބަރުތައް ބުނާގޮތުން، ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއްގެ (އައި.އެސް.އެފް) ދަށުން ޣައްޒާއަށް ސިފައިން ފޮނުވުމަށް ޕާކިސްތާނުގެ ހަތަރުބައިކުޅަ ތިންބައި މީހުން ތާއީދުކުރާކަން އައު ސާވޭއަކުން ދައްކައިފިއެވެ.

‘ގެލަޕް ޕާކިސްތާން’ އިން ހެދި މި ސާވޭގެ ނަތީޖާ އާންމުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ‘ބޯޑް އޮފް ޕީސް’ (ބީ.އޯ.ޕީ) ގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިހިނގާ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވާ މި ބޯޑާ ޕާކިސްތާނުން ގުޅިފައިވަނީ މިދިޔަ މަހު އިސްލާމީ އެހެން ގައުމުތަކާވެސް އެކުގައެވެ.

ޖެނުއަރީ 15 އިން ފެބްރުއަރީ 3 އަށް ކުރިއަށް ގެންދިޔަ މި ސާވޭގައި ފޯނު މެދުވެރިކޮށް 1،600 މީހުންގެ ބަސް ހޯދާފައިވެއެވެ. މި ސާވޭގެ ނަތީޖާގައި ކުށުގެ ފުރުސަތު އުޅެނީ 95 އިންސައްތަ އިތުބާރާ އެކު ޕްލަސް ނުވަތަ މައިނަސް 2 އާއި 3 އިންސައްތައާ ދެމެދުގައެވެ.

ގެލަޕް ޕާކިސްތާނުގެ އެގްޒެކެޓިވް ޑައިރެކްޓަރު ބިލާލް ގިލާނީ ވިދާޅުވި ގޮތުގައި، މި ނަތީޖާއިން ހާމަވަނީ ފަލަސްތީނުގެ މައްސަލައާ މެދު ޕާކިސްތާނުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ފުން ލޯތްބާއި އަޅާލުމެވެ. ނަމަވެސް، އެކަމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތާ މެދު ޚިޔާލު ތަފާތުވުންތަކެއް ހުރި އިރު، ގައްޒާގެ މުސްތަގުބަލާ ގުޅޭގޮތުން އުފައްދަމުންދާ ސިޔާސީ އޮނިގަނޑުތަކާ މެދު ޝައްކުތަކެއް ވެސް އެބަހުއްޓެވެ.

މި ސުލްހަ ބަލަހައްޓާ ފައުޖު (އައި.އެސް.އެފް) އާއި ‘ބޯޑް އޮފް ޕީސް’ އުފެއްދުމަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައެވެ. މިއީ ގައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ރޭވުމުގެ ބައެކެވެ. މި ރޭވުން ފެށިގެން އައީ އޮކްޓޫބަރު މަހު އިއުލާންކުރި ‘ސީޒްފަޔަރ’ ނުވަތަ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ އެކުގައެވެ. މީގެ ފަހުގެ މަރުހަލާތަކުގައި، ހަމާސް އާއި އިސްރާއީލާ ދެމެދު އޮންނަ ‘ސުލްހަ’ ދެމެހެއްޓުމަށާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ގައްޒާގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

‘ބޯޑް އޮފް ޕީސް’ ފުރަތަމަ ތައާރަފްކުރީ ގައްޒާ އިދާރީގޮތުން ހިންގުމާއި، އަލުން އާބާދުކުރުމާއި، އިގްތިސާދު އާރާސްތުކުރުމަށް އެހީތެރިވާނެ ނިޒާމެއްގެ ގޮތުގައެވެ. ވައިޓް ހައުސްއިން ޖެނުއަރީ މަހު މި ބޯޑު ރަސްމީކޮށް އިއުލާންކުރި ނަމަވެސް، މި ޖަމާއަތުގެ 11 ސަފުހާގެ ޗާޓަރުގައި އެއްވެސް ތަނެއްގައި ‘ގައްޒާ’ ގެ ނަން ލިޔެފައެއް ނުވެއެވެ.

މި ބޯޑުގެ ދާއިމީ މެންބަރަކަށް ވުމަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް 1 ބިލިއަން ޑޮލަރުގެ މާލީ އެހީއެއް ދޭންޖެހެއެވެ. ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހުން މި ބޯޑަށް ދީފައިވާ މެންޑޭޓްގައި ގައްޒާގެ ކަންކަން ބެލެހެއްޓުމުގެ މުއްދަތު އޮތީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

މި ބޯޑުގައި ހިމެނެނީ އިސްރާއީލާ މެދު ތަފާތު ވިސްނުންތައް ގެންގުޅޭ ގައުމުތަކެވެ. އޭގެ ތެރޭގައި އިސްރާއީލާ އެކު ގުޅުން ގާއިމުކޮށްފައިވާ އިސްލާމީ ގައުމުތަކާއި، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ގަބޫލުނުކުރާ ޕާކިސްތާނު ފަދަ ގައުމުތައް ހިމެނެއެވެ. ޕާކިސްތާނުން މިކަމުގައި ބައިވެރިވަނީ ގައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ކުރެވޭ ސިޔާސީ މަސައްކަތްތަކުގެ ތެރެއިންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close