ދީން

ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަހިފުމާ ބެހޭގޮތުން ޚުލާޞާ މަޢުލޫމާތުކޮޅެއް:

ޝަޢުބާން މަހުގެ ކުރީކޮޅު ސުންނަތް ރޯދަ ހިފުމުގައި ދެމިތިބޭ ގިނަ ފަރާތްތަކެއްގެ ހިތުގައި އުފެދޭ މުހިންމު ސުވާލަކީ، އެ މަހުގެ ދެބައިވުމަށްފަހު (15 ވަނަ ދުވަހުގެ ފަހުން) ރޯދަ ހިފުން ކުރިއަށް ގެންދަންވީތޯ ނުވަތަ ހުއްޓާލަންވީތޯއެވެ. މި ސުވާލުގެ ޢިލްމީ ޖަވާބާއި، މިކަމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘްފުޅުގެ ޚުލާޞާކޮށް ބުނެދިނުމެއް ތިރީގައި ބަޔާންކުރަމެވެ. އެއީ ޝަޢުބާން މަހުގެ ފަހުބައިގައި ރޯދަހިފުން ނަހީކުރެއްވި ޙަދީޘާއި، އެ ނަހީއިން އިސްތިސްނާވާ ޙާލަތްތަކެވެ.

މިކަމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘަކީ، އޭގެ ރާވީންނަކީ އިތުބާރު ހިފޭ ބޭކަލުން ކަމުގައިވާތީ، ގިނަ ޢިލްމުވެރިންތަކެއް ޞައްޙަކަމަށް ބަލާފައިވާ ރިވާޔަތެކެވެ. ނަމަވެސް، ބައެއް ޢިލްމުވެރިން މި ޙަދީޘްގެ ޞައްޙަކަމާމެދު ތަފާތު ރައުޔުތައް ގެންގުޅުއްވާކަން ފާހަގަކުރެވެއެވެ. މި މައުޟޫޢުގައި އިތުރު ޢިލްމީ ބަޙުޘްތަކަށް ނުގޮސް، އެ ޙަދީޘް ތިރީގައި ހިމަނާލަމެވެ.

ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه برقم: (2337) وصححه الألباني في صحيح أبي داود برقم: (2025)]

މާނައީ: “ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ.”

މިޙަދީޘުގައި މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.

ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ

މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: “ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.”

ދެވަނަ ޙާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ

އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަވެގެންވެއެވެ.

އެހެނީ ނަބިއްޔާ صلى الله عليه وسلم ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ. 

ބައްލަވާ: صحيح مسلم، رقم الحديث: 175 – (1156)، وشرح النووي على صحيح مسلم (8/37)

ތިންވަނަ ޙާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ

ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުވާތީއެވެ. 

ބައްލަވާ: المجموع للنووي (6/400)

އެހެންކަމުން ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ. 

ބައްލަވާ: نيل الأوطار للشوكاني (8/413)

ރިފަރެންސް: ދިސަލަފިއްޔާ (އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close