އިންޑިއާގެ މުދަލުން ނަގާ ޓެރިފް %18 އަށް ރައީސް ޓްރަމްޕް ކުޑަކުރައްވައިފި

އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައި، އޭގެ ބަދަލުގައި އެމެރިކާ އާއި ވެނެޒުއޭލާއިން ތެޔޮ ގަތުމަށް އެއްބަސްވުމާ ގުޅިގެން، އިންޑިއާގެ މުދަލުން އެމެރިކާއިން ނަގަމުންދިޔަ %50 ގެ ޓެރިފް %18 އަށް ކުޑަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. މީގެ އިތުރުން އިންޑިއާއިން ވެސް ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަށް ވަނީ އެއްބަސްވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅަށްފަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، ބޮޑުވަޒީރު މޯދީއާ އޮތް ގާތް ގުޅުމާއި އެމަނިކުފާނަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން، އިންޑިއާގެ އެދުމުގެ މަތިން އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ “ރެސިޕްރޯކަލް ޓެރިފް” %25 އިން %18 އަށް ވަގުތުން ކުޑަކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، ރަޝިޔާގެ ތެޔޮ ގަތުމާ ގުޅިގެން އިންޑިއާއަށް އަދަބެއްގެ ގޮތުން ކުރިން އިތުރުކުރި %25 ގެ ޑިއުޓީ މިހާރު ވަނީ އުވާލާފައެވެ. މީގެ ކުރިން އިންޑިއާގެ މުދަލުން ނަގަމުންދިޔައީ %25 ގެ އަސާސީ ޓެރިފަކާއި، ރަޝިޔާގެ ތެޔޮ ގަތުމުގެ ސަބަބުން އިތުރުކުރި %25 ގެ ޓެރިފަކާއެކު ޖުމްލަ %50 އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން 500 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ މުދާ ގަތުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
“އަޅުގަނޑުގެ ގާތް އެކުވެރިޔާ ރައީސް ޓްރަމްޕާ މިއަދު ވާހަކަދައްކާލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ‘މޭޑް އިން އިންޑިއާ’ އުފެއްދުންތަކުން ނަގާ ޓެރިފް %18 އަށް ކުޑަވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ ނަމުގައި ޓްރަމްޕަށް ޝުކުރު އަދާކުރެއްވިއެވެ.
ސެންޓަރ ފޯ ނިއު އެމެރިކަން ސޮސައިޓީގެ އެޑްޖަންކްޓް ސީނިއާ ފެލޯ ރޭޗަލް ޒިއެމްބާ ވިދާޅުވި ގޮތުގައި، މިއީ ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވިގެން އައި ކަމެކެވެ. %18 ގެ ޓެރިފަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އެމެރިކާއަށް މުދާ އެތެރެކުރާ މިންވަރާ ގާތްކުރާ އަދަދެކެވެ.
ނަމަވެސް ބައެއް މާހިރުން ބުނާ ގޮތުގައި މިއީ ފުރިހަމަ ވިޔަފާރީގެ އެއްބަސްވުމެއްތޯ ނުވަތަ ހަމައެކަނި ޓެރިފާ ބެހޭ އެއްބަސްވުމެއްތޯ ބަލަން އަދި މާ އަވަހެވެ. އޭޝިއާ ޕެސިފިކް ފައުންޑޭޝަން އޮފް ކެނެޑާގެ ވައިސް ޕްރެޒިޑެންޓް ވީނާ ނަޖީބުﷲ ފާހަގަކުރެއްވި ގޮތުގައި، ރައީސް ޓްރަމްޕްގެ އިއުލާނަށް މޯދީ މަރުހަބާ ވިދާޅުވި ނަމަވެސް، އެމެރިކާގެ މުދަލުން އިންޑިއާއިން ނަގާ ޓެރިފް ކުޑަކުރާނެ ކަމަށް މޯދީގެ ޕޯސްޓުގައި ސީދާ ވިދާޅުވެފައެއް ނުވެއެވެ. އެހެންކަމުން، މިއީ މިވަގުތަށް ބަލާއިރު ޓެރިފް ކުޑަކުރުމުގެ މުހިންމު ފެށުމެއް ކަމަށް ބެލެވިދާނެއެވެ.


