ބޭރުދުނިޔެ

ޕާކިސްތާނުގެ ސިފައިން ބަލޫޗިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި 145 ހަނގުރާމަވެރިން މަރާލައިފި

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއްގައި 145 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ބަލޫޗިސްތާނުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ދާދި ފަހުން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން، އެކަމުގެ ބަދަލުހިފުމުގެ ގޮތުންނާއި އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. މި ހަމަލާތަކުގައި ހަނގުރާމަވެރިން ވަނީ އާންމުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހުން ފެށިގެން ހިންގަން ފެށި މި އޮޕަރޭޝަނުގައި ހަނގުރާމަވެރިންގެ މަރުކަޒުތައް ހޯދައި، އެ ތަންތަނަށް ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި އޮޕަރޭޝަންގައި މަރާލެވުނު މީހުންގެ ތެރޭގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސް ކޮމާންޑަރުން ހިމެނޭ ކަމަށްވެސް އަސްކަރިއްޔާގެ ބަޔާނުގައިވެއެވެ.

ބަލޫޗިސްތާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދަކަށް ވީނަމަވެސް، އެ ސަރަހައްދުގެ މިނިވަންކަމަށް ވަކާލާތުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކާއި ޕާކިސްތާނު ސަރުކާރާ ދެމެދު ކުރިމަތިލުންތައް ހިނގާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. ޕާކިސްތާނު ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މި ޖަމާއަތްތަކަށް ބޭރުގެ ބައެއް ބާރުތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލޫޗިސްތާނުގެ ސަލާމަތީ ކަންކަން މިހާރު ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. އަދި ހަނގުރާމަވެރިންގެ ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަނަކީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނު ސިފައިން ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް އޮޕަރޭޝަން ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ސިފަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close