ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެ އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.
މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާއަށް މެޑަމް ސާޖިދާ ވަޑައިގަތުމުން، އެކަމަނާގެ އިތުރުން ޖަލްސާގެ ޚާއްސަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.
މި ޖަލްސާގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި އެސޯސިއޭޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވިއިރު، މިއީ ގަރލް ގައިޑް ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭއްވުނު މުހިއްމު ބައްދަލުވުމެކެވެ.
އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ވޭތުވެދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅުމެވެ. މި ޖަލްސާ މެދުވެރިކޮށް ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިތަކާއި ހަރަކާތްތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވެއެވެ.

