ޚަބަރު

10 ތަނެއް ބަލާ، 5 ތަނެއް ބަންދުކޮށް 3 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް  

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތައް ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން އުސޫލުތަކާ ހިލާފަށް ހުރި 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ވަނީ ބަންދުކޮށްފައެވެ. އަދި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި އޮޕަރޭޝަނަކީ ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށާއި، މީގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ރާއްޖޭގައި އުޅެމުންދާ ބިދޭސީން ދެނެގަނެ، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.  

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި 9,697 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އަދި ހަމައެކަނި މިދިޔަ މަހުވެސް 509 ބިދޭސީން ފޮނުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މި މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close