މީޑިއާ ކޮމިޝަން އިންތިހާބު: ވޯޓުލެވޭ 353 މީޑިއާގެ ލިސްޓު އީސީ އިން އާއްމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބަށް ވޯޓުލެވޭ މީޑިއާތަކުގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.
މި ލިސްޓުގައި ޤަވާއިދުން ހިނގާ މީޑިއާތަކާއި ރަޖިސްޓާޑްކޮށްފައިވާ ޖުމްލަ 353 މީޑިއާއެއް ހިމެނެއެވެ. މީގެ ތެރޭގައި 18 ބްރޯޑްކާސްޓް މީޑިއާ ކުންފުނި ހިމެނޭއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ބާއްވާ މި އިންތިހާބު އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހު އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ސެޕްޓެމްބަރު 18 ގައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ 3 މެމްބަރުންނާއި، މީޑިއާތަކުން އިންތިހާބުކުރާ 4 މެމްބަރުންނެވެ. މިވަގުތު މި ކޮމިޝަން ހިންގަމުންދަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

