ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އައްޑޫ ސިޓީއަށް ނިސްބަތްވާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލް އުސޫލުގެ ދަށުން ބަންދުން ދޫކޮށްލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޕެރޯލްގެ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރުވި ޝަރުތުތަކުގެ އިތުރު ތަފުސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ޕެރޯލްގެ ދަށުން ގައިދީންނަށް މުޖުތަމައަށް ނުކުމެ އުޅުމުގެ ފުރުސަތު ދެވެނީ ހުކުމުގެ ވަކި މުއްދަތެއް ފުރިހަމަކުރުމާއެކު މުޖުތަމައަށް ނުރައްކަލެއް ނެތްކަން ކަށަވަރުވުމުންނެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އަބުޗާ ހިލާފުވެއްޖެނަމަ، އޭނާގެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް އަލުން ޖަލަށް ގެންދެވޭނެއެވެ.
އަބުޗާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަތިން އަތުލައިގަތް 98.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެއް ދައުވާގެ ހުކުމް ވަނީ އުނިކޮށްދީފައެވެ.
ޖަލު ހުކުމުގެ ތެރެއިން އަބުޗާ އަދި ތަންފީޒުކޮށްފައިވަނީ ފަސް އަހަރު ދުވަސް ކަމަށްވާތީ، އޭނާގެ ހުކުމުގެ ބާކީ އަދިވެސް 20 އަހަރު އޮތްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...