ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ހަމާސްއިން ބަލައިގަތުމުން ތުރުކީން މަރުހަބާ ކިޔައިފި

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ފަލަސްތީނުން ބަލައިގަތުމުން ތުރުކީން މަރުހަބާ ކިޔައިފިއެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވެފައިވާކަން އިއުލާނުކުރުމުން އެޖަމާއަތަށް މަރުހަބާ ދަންނަވާ ކަމަށާއި، އަންކާރާއިން އުއްމީދު ކުރަނީ އިޒްރޭލުން ވެސް އެފަދަ ފިޔަވަޅެއް އަޅާނެ ކަމަށް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވިއެވެ.
ކެބިނެޓް ގެ ބައްދަލުވުމަށްފަހު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަމާސް އިން ބަލައިގަތީ އަހަރެމެންގެ މަސައްކަތުން ކަމަށާއި އިޒްރޭލުން ވެސް އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ. އަދި ހަމާސް އިން ކުރި އިއުލާނަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވިއެވެ.
އުރުދުޣާން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލައިގަތުމަށް އިޒްރޭލު ސަރުކާރަށް ޕްރެޝަރު ކުރުމަށް “ހުޅަނގުގެ އެކްޓަރުން” ގެ ކިބައިން އެދިވަޑައިގެންފައެވެ.
“މަޝްވަރާއާއި ވާހަކަތަކަށް ނުހުޅުވޭނެ ދޮރެއް ނޯންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން، ހެޔޮ ނިޔަތާއި ޑިޕްލޮމެސީގެ” މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
މީގެ ހަތް މަހެއްހާ ދުވަސް ކުރިން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ކުރީކޮޅުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ބާރު އަޅަމުން ގެންދަވާ ތުރުކީ ވަނީ އެއްބަސްވުމެއް ހެދުމަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އެހީތެރިވުމަށް ގޮވާލައްވާފައެވެ.
އުރުދުޣާން ވަނީ އިރާގުގެ އުތުރުގައި އޮތް ޓެރަރިޒަމްގެ ވަޅުގަނޑު ނައްތާލަންދެން، އެ ސަރަހައްދުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ތުރުކީގެ އަޒުމް ތަކުރާރުކުރައްވާފައެވެ.
13 އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ މަހު އިރާގަށް ކުރެއްވި ދަތުރުފުޅުގައި އުރުދުޣާން ވިދާޅުވީ އޭގެ ނަތީޖާއާއި އެގައުމުން ފޮނުވި މެސެޖުތަކަށް ބަލާއިރު ވެސް ތާރީހީ މުހިންމުކަމެއް އެބައޮތް ކަމަށެވެ.
އިރާގާއި ތުރުކީގެ އޮފިޝަލުން ހާއްސަކޮށް ސަލާމަތާއި ދަތުރުފަތުރާއި ހަކަތަ އާއި ފެނުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އެކި ދާއިރާތަކުން 27 އެއްބަސްވުމެއްގައި ސޮއިކޮށްގެން އެ ދެ ބޭފުޅުން މި ދަތުރުފުޅުގެ ތާޖު އަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީކޭކޭ އަކީ މަނާ ޖަމާއަތެއްގެ ގޮތުގައި އިރާގު ސަރުކާރުން ކަނޑައެޅުމަކީ ޓެރަރިޒަމާ ދެކޮޅަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.
ތުރުކީގެ އަމިއްލަ ހަނގުރާމަމަތީ މަތިންދާ ބޯޓު “ކާން” ގެ ދެވަނަ ކާމިޔާބު ޓެސްޓް ފްލައިޓަށް އިޝާރާތް ކުރައްވައި އުރުދުޣާން ވަނީ ތުރުކީގެ އެރޯސްޕޭސް އިންޑަސްޓްރީޒް އާއި ސްޓޭޓް ޑިފެންސް އިންޑަސްޓްރީޒް އެޖެންސީއަށް މަރުހަބާ ވިދާޅުވެ، މި އަހަރު ފެށުނީއްސުރެ ދެ ފަހަރެއްގެ މަތިން ތުރުކީއަށް ފަޚުރުވެރިކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން ޝަހީދުކޮށްލުމުން ބަދަލު ހިފުމުގެ ގޮތުންނެވެ. ފަލަސްޠީނުގެ ޣައްޒާގައި ފަލަސްޠީނުގެ 34،700 އެއްހާ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 78،000 މީހުން ޒަޚަމްވެފައިވާކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.
