ދުނިޔޭގައި ފުރަތަމަ އުފެއްދި އެޓޮމިކް ބޮން – އެތައްބަޔަކު ގުޅިގެން ކުރި މަސައްކަތެއް

ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވާހަކަ އެންމެ މީހަކަށް ނިސްބަތްކުރެވޭކަށް ނެތޭ ދެންނެވިދާނެއެވެ. ސައިންޓިފިކް ކުރިއެރުންތަކާއި، ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ހަނގުރާމައިގެ ދުވަސްވަރުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދައްކުވައިދޭ ޙަޤީޤަތަކީ، މިއަށްވުރެ މާ ހަރުދަނާ ޙަޤީޤަތެކެވެ. އެކަމުގައި އެތައްބަޔަކު ބައިވެރި އެތައްބައެއްގެ ބޮޑު ގުރުބާނީއާއި މޮޅު ވިސްނުނ ހިމެނެއެވެ.
އެޓޮމިކް ބޮމާ ދިމާލަށް ދަތުރު ފެށުނީ 1930 ގެ އަހަރުތަކުގައި ނިއުކްލިއާ ފިޒިކްސްގެ އަސާސީ ހޯދުންތަކުންނެވެ. އޮޓޯ ހާން އާއި ލިޒް މެއިޓްނަރ ފަދަ ސައިންސްވެރިން ކުރި ދިރާސާތަކުން ނިއުކްލިއާ ފިޝަން ދެނެގަތުމުގެ ބިންގާ އެޅިއިރު، އެޓޮމިކް ނިއުކްލިއަސް އެއް ބައިބައިކުރުމުން ވަރަށް ބޮޑު ހަކަތައެއް އުފެދޭކަން ވަނީ ސާބިތުވެފައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ އަލިފާންގަނޑު ޔޫރަޕްގައި ވަށާލުމާއެކު، ނާޒީ ޖަރުމަނުން މި ޓެކްނޮލޮޖީގެ ފަހަތުން ގޮސް އަމިއްލަ އަށް ހަލާކުގެ ތެރެއަށް ދިއުމަށް މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އުފެދުނެވެ. މިކަމުގެ ސަބަބުން އަލްބަޓް އައިންސްޓައިން އާއި ކަމާ ގުޅުންހުރި އެހެން ސައިންސްވެރިން 1939 ވަނަ އަހަރު އެމެރިކާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް، ޖަރުމަނުގެ ކުރިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލިއެވެ.
ސައިންސްވެރިންގެ މި ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން އެމެރިކާސަރުކާރުން އިސްވެ އޮވެ، ދުނިޔޭގެ އެންމެ ފުރަމަތަމަ ނިއުކްލިއަރ ބޮން ނުވަތަ ހަތިޔަރާ ދިމާއަށް ދަތުރުކުރު މުގެ ފުރަތަމަ މަޝްރޫޢު 1942 ވަނަ އަހަރު މެންހަޓަން ޕްރޮޖެކްޓް އުފެދުނެވެ. އިނގިރޭސިވިލާތާއި ކެނެޑާގެ ގިނަ ގުނަ އެހީތެރިކަމާއެކު އެމެރިކާގެ ބެލުމުގެ ދަށުން، އެކި ދާއިރާތަކުން އެތައް ހާސް ހުނަރުވެރި ވިސްނުންތަކެއް އެއްތަނަކަށް ޖަމާކުރެވުނެވެ.
އެމެރިކާގެ ސިޓީއެއް ކަމަށްވާ ނިއު މެކްސިކޯގައި ހުންނަ ލޮސް އަލަމޯސް ލެބޯޓްރީގައި މި ޕްރޮޖެކްޓް ލޯންޗް ކުރިއިރު، އެ ލެބޯޓްރީގެ ސައިންޓިފިކް ޑިރެކްޓަރުގެ މަގާމަށް މަޝްހޫރު ފިޒިސްޓެއް ކަމަށްވާ ޖޭ ރޮބަޓް އޯޕަންހައިމާ އައްޔަނު ކުރެވުނެވެ. އޭނާ ވަނީ އެޓޮމިކް ބޮމެއް އުފެއްދުމުގައި ހުރި ސައިންޓިފިކް އަދި އިންޖިނިއަރިންގެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އެންރިކޯ ފަރްމީ، ހާންސް ބެތޭ އަދި އެޑްވާޑް ޓެލާ ފަދަ ސައިންސްވެރިން ހިމަނައިގެން މަޝްހޫރު ރިސާޗަރުންގެ ޓީމެއް އެކުލަވާލައިފައެވެ.
މިޕްރޮޖެކްޓްގެ އެންމެހައި ކަންކަން ވަރަށް ބޮޑަށް ތަރުތީބުވެގެން ކާމިޔާބު ކަމާއެކު ކުރިއަށް ދިޔައިރު، އެމެރިކާގެ އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ލެސްލީ ގްރޯވްސް ވަނީ މި މަޝްރޫއުގެ ލޮޖިސްޓިކް އަދި މެނޭޖްރިއަލް ކަންކަން ބަލަހައްޓަވާފަ އެވެ. އަދި އަގު ބޮޑެތި ވަސީލަތްތައް ކަނޑައެޅުމާއި، އެ ވަސީލަތްތައް ހޯދުމުގެ ކަންކަން ކޯޑިނޭޓްކޮށް، އެމަޝްރޫޢުގެ ނުރައްކާތެރި ކަމާއެކު އެކަމުގެ ސިއްރުކަން އޭނާ ދެމެހެއްޓިއެވެ.
މި ފާހަގަކޮށްލެވޭ ބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އިންޖިނިއަރުންނާއި، ކެމިސްޓުންނާއި، މެޓަލަރޖިސްޓުންނާއި، އެހެނިހެން ސްޕެޝަލިސްޓުން، އެބޭފުޅުންގެ ފަންނުވެރިކަން ޙިއްޞާ ކުރެއްވިއެވެ. ޔޫރޭނިއަމް ފައްކާކުރުމާއި ބޮން ޑިޒައިން ކުރުމާ ހަމައަށް ކޮންމެ ފިޔަވަޅެއްގައި ވެސް ވަރަށް ރަނގަޅަށް ދިރާސާކޮށް، ތަހުލީލުކުރުމާއި، އިނޮވޭޝަން ބޭނުންވިއެވެ. އެހުރިހާ ކަމެއްވެސް ރޭވިފައިވާ ގޮތަށް ބަރާބަރަށް ކުރިއަށްދިޔައެވެ.
އެންމެ ފަހުން، 1945 ވަނަ އަހަރުގެ ޖުލައި މަހު، ނިއު މެކްސިކޯގައި “ޓްރިނިޓީ” ޓެސްޓް ޑިވައިސް ކާމިޔާބުކަމާއެކު ގޮއްވާލުމާއެކު، މި ގުޅިގެން ކުރި މަސައްކަތުގެ ނިމުން ހަގީގަތަކަށް ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން އެޓޮމިކް ޒަމާން އުފެދި، އިންސާނީ ތާރީޚުގެ މިސްރާބު އަބަދަށް ބަދަލުވެގެން ދިޔައެވެ. އާދެ ދުނިޔޭގެ އެންމެ ފުރަތަމަ ނިޔުކްލިއަރ ނުވަތަ އެޓޮމިކް ބޮން އެފެދުނެވެ.
މި ބޮން އުފެއްދުމުގައި އޯޕަންހައިމަރގެ ލީޑަރޝިޕާއި ގްރޯވްސްގެ މެނޭޖަރިއަލް ވިސްނުން ވަރަށް މުހިންމު ނަމަވެސް، ހަމައެކަނި އެޓޮމިކް ބޮމުގެ ކްރެޑިޓް އެމީހުންނަށް ދިނުމަކީ އެންމެން ގުޅިގެން ކުރި މަސައްކަތަށް ވެވޭ އިހުމާލަކަށް ވެދާނެއެވެ. އެހެނީ މެންހަޓަން ޕްރޮޖެކްޓަކީ، ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކުގެ ތެރޭގައިވެސް، ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން ދީގެން، ބިންގާ އެޅިފައިވާ ކުރިއެރުންތައް ޙާޞިލުކުރުމުގެ ފުރުޞަތު އޮތްކަމުގެ ހެއްކެކެވެ. އަދި މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތައް ވަރަށް ބޮޑަށް ހަނދާންކޮށްދޭ ކަމެކެވެ.
ދުނިޔޭގައި އުފެދުނު ފުރަތަމަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ސައިންޓިފިކް ހޯދުމާއި ހަނގުރާމައިގެ ދުވަސްވަރުގެ ކަންބޮޑުވުމާއި އެތައް ބައެއްގެ ހުނަރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ، ވަރަށް އޮޅުންބޮޅުން ގިނަ ވާހަކައެކެވެ. ނިއުކްލިއަރ ޓެކްނޮލޮޖީގެ ބާރާއި ނުރައްކާތައް ދެނެގަތުމަށާއި، އޭގެ މުސްތަޤްބަލާމެދު ޒިންމާދާރު މަޝްވަރާތަކެއް އުފެއްދުމަށްޓަކައި، މި ފަދަ ކަންކަމުގެ ޞައްޙަ މަޢުލޫމާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

