ޚަބަރު

މިއަދު ވެސް ކަނޑުތައް ގަދަ ވާނެ، ރާޅުގެ އުސްމިނުގައި ހަ ފޫޓު

ގުފްތަގް އަޖީރު26 ޖޫން 2023 – 09:58:54

ދިވެހިރާއްޖެއަށް މި ދުވަސްވަރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށާއި، ބައެއް ސަރަހައްދުތަކުގެ ކަނޑުގައި ރާޅުގެ އުސްމިން ހަ ފޫޓަށް އަރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނަށް ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާއި ދެމެދު އަދި އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދު ހުންނާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

“ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ،” -މެޓް އޮފީސް-

އީދު ބަންދުގައި މޫސުން ގޯސްވާނެކަމަށް ބަންދު ފެށުމުގެ ކުރިން ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ސިފައިންނާއި ފުލުހުން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަލްހާ އީދު ބަންދަކީ ގިނަބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ދުވަސްވަރެކެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެވެސް ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. 30 މީހުންނާއެކު ދުއްވާފައި ދިޔަ ލޯންޗެއްގެ ތެރެއަށް ރާޅެއް ޖެހުމުން އެ ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close