ޓެކްނޮލޮޖީ

ގޫގުލް އިން މޫސުން ބެލުމަށް އޭއައި ޓެކްނޮލޮޖީގެ ޓޫލެއް ތައާރަފްކޮށްފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިޓީތަކާއި މުޖުތަމައުތަކަށް ތައްޔާރުވެ، އެކަމަށް އިޖާބަ ދިނުމުގައި އެހީތެރިވެދޭނެ އޭއައި ޕަވާޑް ޕްލޭނިން ޓޫލްސްގެ އާ ސެޓެއް ގޫގުލް އިން ތައާރަފްކޮށްފި އެވެ. މި ވަސީލަތްތަކަކީ ގޫގުލްގެ އެންވަޔަރަމެންޓަލް އިންސައިޓްސް އެކްސްޕްލޯރާ (އީއައިއީ) ގެ ދަށުން ސިޓީތަކުގެ ކާބަން ފުޓްޕްރިންޓް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެ މީހުންގެ ރެޒިލިއަންސް ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޑޭޓާ އާއި އިންސައިޓްސް ފޯރުކޮށްދޭ ވަސީލަތްތަކެކެވެ.

ގޫގުލްގެ ސެންސަރުތަކާއި ސެޓެލައިޓްތަކުގެ ބޮޑު ނެޓްވޯކްގެ ޑޭޓާ އެނަލައިޒް ކުރުމަށް މެޝިން ލާނިން އަލްގޯރިދަމްގެ އިތުރުން މޫސުން ލަފާކުރާ ގޮތާއި ތާރީހީ މޫސުމާ ބެހޭ ޑޭޓާ ފަދަ އެހެނިހެން ވަސީލަތްތައް އެނަލައިޒް ކުރުމަށް އާ ޓޫލްސް ބޭނުން ކުރެ އެވެ. އެގޮތުން ސިޓީއެއްގެ އެކި ސަރަހައްދުތަކަށް ހޫނުގެ އަސަރު ކުރާނެ ގޮތް އަންދާޒާކޮށް، ހޫނުގަދަވުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ސަރަހައްދުތައް ދެނެގަނެ، ހޫނު ގަދަވުމުގެ އަސަރު ކުޑަކުރުމުގެ ސްޓްރެޓެޖީތައް ހުށަހެޅޭނެ އެވެ.

މިސާލަކަށް، އާބަން ހީޓް އައިލެންޑް އިފެކްޓް ކުޑަކުރުމަށް ގްރީން ސްޕޭސް ނުވަތަ ރިފްލެކްޓިވް ސަރފޭސް އިތުރުކުރެވިދާނެ ސަރަހައްދުތައް ސިޓީ ޕްލޭނަރުންނަށް ދެނެގަނެވި، ވަށައިގެންވާ ރަށްފުށުގެ ސަރަޙައްދުތަކަށްވުރެ ސިޓީތަކުން ހޫނުކަން އިތުރުވުމުން ދިމާވާ ކަންކަން ދެނެގަނެވޭނެއެވެ. މީގެ އިތުރުން ހޫނުގަދަވުމުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ނުވަތަ ގެދޮރު ނެތް މީހުން ފަދަ ނާޒުކު އާބާދީތައް އެންމެ ބޮޑަށް ނުރައްކާވާ ސަރަހައްދުތައް ދެނެގަތުމަށް އިމަޖެންސީ ރެސްޕޮންޑަރުންނަށް އެހީތެރިވެދޭނެ އެވެ.

ޓެކްސަސްގެ ހިއުސްޓަން ހިމެނޭ ގޮތަށް ދުނިޔޭގެ ބައެއް ސިޓީތަކުގައި މިހާރުވެސް އާ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު، 2017 ވަނަ އަހަރު އައި ތޫފާން ހާވީގައި ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި ސަރަހައްދުތައް ދެނެގަތުމުގައި މިފަދަ ވަސީލަތްތަކުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އާޖެންޓީނާގެ ބުއެނޯސް އައިރެސްގައި ވެސް މި ފަދަ ތަކެތި ބޭނުން ކުރަމުން އަންނަ އިރު، ހޫނު ގަދަވުމުގެ ސަބަބުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސްޓްރެޓެޖީތައް އެކުލަވާލުމަށް ސިޓީގެ އޮފިޝަލުންނަށް މިޓޫލް އެހީތެރިވެދެ އެވެ.

ގޫގުލް އިން ބުނީ މޫސުމަށް އަންނަ ބަދަލުތަކަށް ސިޓީތަކާއި މުޖުތަމައުތައް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އީއައިއީ ޕްލެޓްފޯމަށް ބޭނުންވާ އާ ވަސީލަތްތަކާއި ފީޗާތައް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ކުރިން ކާބަން ނިއުޓްރަލް ވެ، 2030 ވަނަ އަހަރުގެ ނިޔަލަށް 100 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އެކުންފުނިން ވަނީ ވައުދުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close