ޚަބަރު

ލަންދޫ ހެލްތްސެންޓަރުގައި “ޕްރެޔަރ ރޫމެއް” ހުޅުވައިފި

ނ.ލަންދޫ ހެލްތްސެންޓަރުގައި އެތާންގެ މުވައްޒަފުންނަށާއި، އެތަނަށް ޚިދުމަތްހޯދުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޕްރެޔަރ ރޫމް ( ނަމާދުގެ ) އެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއި އެކު އިމާރާތްކުރި މި ނަމާދުގެ ރަސްމީކޮށް ހުޅުވީ މިއަދު މެންދުރު 12:50 ހާއިރުއެވެ. މި ނަމާދުގެ ހުޅުވައިދެއްވީ ލަންދޫގެ ޢިއްޒަތްތެރި އިސްރަށްވެއްސެއް ކަމުގައިވާ ނ.ލަންދޫ ސޯސަންގޭ ޙުސެއިން އިބްރާހިމް ފުޅު (ޙުސެއިންފުޅުބެ) އެވެ.

ވުޟޫކުރާނެ އިސްކުރު ބަރިއަކާއެކު ހުޅުވި މި ނަމާދުގެ ހުޅުވުމުގެ ރަސްމިއްޔާތު ގައި ލަންދޫގެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. އަދި މިރަސްމިއްޔާތުގައި ހެލްތްސެންޓަރުގެ އެންމެހައިމުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ލަންދޫ ހެލްތް ސެންޓަރުގައި އިމާރާތްކުރި ނަމާދުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ނާރެސް

ލަންދޫ ހެލްތްސެންޓަރުގެ ގޯތިތެރޭގައި އިމާރާތްކުރި މި ނަމާދުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތްސެންޓަރުގެ މެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު ވާހަކަފުޅުދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ނަމާދުގެ އިމާރާތްކުރުމަށް އެހީދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް އެކިއެކި ގޮތްގޮތުން ހެލްތްސެންޓަރަށް އެހީތެރިވެދެއްވާ ލަންދޫގެ ބައެއް ބޭބޭފުޅުންގެ ނަންތައް ފާހަގަކުރައްވާ އެފަރާތްތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މެނޭޖަރ ޖައުފަރު ރަޝީދު (ޖައުބެ ) ވިދާޅުވީ މިފަދަ ބޮޑު ކޮންމެ މަސައްކަތެއް ކުރުމުގައި ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީލިބޭކަމަށް ވިދާޅުވެ ވިދާޅުވީ އަދުގެ ސަރުކާރުންވެސް ހެލްތްސެންޓަރަށް ވަރަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވާކަމަށެވެ. އެގޮތުން ދާދިފަހަކުން ލަންދޫ ހެލްތްސެންޓަރަށް އިތުރު ކުރެވުނު ޒަމާނީ އޮފީސް އިމާރާތުގެ ވާހަކަ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަދުގެ ސަރުކާރަށާއި، ރައީސްސޯލިޙަށް ޝުކުރު އަދާކުރެއްވިއެވެ.

ލަންދޫ ހެލްތް ސެންޓަރުގައި މިއަދު ހުޅުވި ނަމާދުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ އެ ސެންޓަރުގެ 22 ވަނައަހަރީ ދުވަހާ ދިމާކޮށެވެ. އެގޮތުން މިއަދަކީ އެސެންޓަރުގެ 22 ވަނަ އަހަރީދުވަހެވެ. ދުވަހުގެ މުނާސަބަތުގައި އެސެންޓަރުގެ މުވައްޒަފުންނަށާއި، އެތަނަށް އެކިއެކި ޚިދުމަތް ހޯދަންނަ އަންނަ ބޭފުޅުންނަށް ހެލްތްސެންޓަރުގެ ފަރާތުން ހެޔޮއެދުމާއި، ތަހުނިޔާ ދަންނަވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close