ލަންދޫ ހެލްތްސެންޓަރުގެ އާޢިމާރާތް ރަސްމީކޮށް ހުޅުވައިފި
ނ.ލަންދޫ ހެލްތްސެންޓަރަށް ސަރުކާރުން އިތުރުކޮށްދެއްވި އައު ޢިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު އައު އިމާރާތް ހުޅުވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢާދިލް އެވެ. ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލްގެ އަރިހުގައި އެ މިނިސްޓްރީގެ ސީނިއަރ ޓީމެއް މިއަދު ވަނީ ލަންދުއަށް ވަޑައިގެންފައެވެ. އަދި އެޓީމްގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ މަނަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަޙްމަދު ހާރޫނުވެސް ރަސްމިއްޔާތުގައި މިއަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަންދޫ ހެލްތްސެންޓަރގެ އާ އިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ސްޓޭޓްމިނިސްޓަރ އަލްފާޟިލް އަޙްމަދު ޢާދިލް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކފުޅުގައި ވިދާޅުވީ އަދުގެ ސަރުކާރުން ސިއްހީދާއިރާ ހަރުދަނާކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން މިއަދު ހުޅުވުނު މި އައު އިމާރާތް ހުޅުވިގެންދިއުމުން ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ވަރަށް ރަގަޅަށް ސާބިތުވާކަމަށެވެ. އެކަމަށްޓަކައި ރައީސް ސޯލިޙަށާއި، ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

ލަންދޫ ހެލްތްސެންޓަރަށް އަލަށް އިތުރުކުރެވުނު ބައި ޚާއްޞަކުރެވިފައިވަނީ އިދާރީ މަސައްކަތްތަކަށް ކަމަށްވާއިރު މިއި މާރާތް ހުޅުވުމުން އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް މިހާރަށްވުރެވެސް އިތުރުވެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ލަންދޫ ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އެމަރުކަޒުގެ މެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު މިއަދު ވިދާޅުވިއެވެ.

ލަންދޫ ސިއްޙީ މަރުކަޒުން މިހާރުވެސް ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ޢާއްމު ބަލިތަކަށް ފަރުވާދިނުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ލޭއެޅުމާއި، ލެބޯޓްރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

