ބިދޭސީ މީހާގެ ފަށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް، ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ، ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން ފިރިހެނަކު، މަގުމަތިން ހިންގާފައި ދިޔަ ބިދޭސީ އަންހެން މީހާގެ ކަރުގައި އޮތް ފަށުގައި ހިފާ ދަމައިގަންނަ މަންޒަރެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހު ހެނދުނު 09:40 ހާއިރުއެވެ.
މި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފޭރިގެންފައިވާ ރަން ފަށް، ރަން ހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ފުލުހުން ގޮސް އެ ފަށް ހޯދާފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.
މަގުމަތީގައި ހިންގާ މިފަދަ ފޭރުމުގެ ޙާދިސާތައް މީގެކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން ގަހަނާއާއި ފޯނު ޖަހައިގަތުން ފަދަ ކަންކަން ހިމެނެއެވެ.

