ޖަލުތަކުގައި ތިބޭ ގައިދީން އިސްލާހުކޮށް މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށް ހެދުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެވޭނީ ނުގުޑާފަދަ އަޒުމަކާއި އިންޓެގްރިޓީ ދަމަހައްޓައިގެން ކަމަށާއި، އޮފިސަރެއްގެ އިންޓެގްރިޓީއާމެދު ޝައްކު އުފެދޭ ހިސާބުން އެ މީހަކު ޚިދުމަތުގައި ފެއިލްވީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތީ ވިއުގައިގައި ވަރަށް ބޮޑެތި ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ.
ކުށްވެރިން ކޯޓު މަރުޙަލާއަށްފަހު ޖަލަށް އަންނަ ހިސާބުން ފެށިގެން، އެ މީހުން އަނބުރާ މުޖުތަމަޢަށް ނުކުތުމާ ހަމައަށް ހަވާލުވެ ތިބެނީ އޮފިސަރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން، ގައިދީންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ އެ މީހުން އިސްލާހުކޮށް މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށް ހެދުމަކީ ކަރެކްޝަންސްގެ އަސާސީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މިއަދުން ފެށިގެން އޮފިސަރުންގެ ހަގީގީ މަސައްކަތް ފެށުނީ ކަމަށާއި، ކޮންމެ ދުވަހަކީވެސް އެ ޤައުމީ ވާޖިބު އަދާކުރުމުގައި ދެމިތިބޭނެ ދުވަހެއްގެ ގޮތުގައި ހެދުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ރަސްމީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ދައުލަތަށާއި ރައްޔިތުންނަށް އަދި ހެއްދެވި ފަރާތަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރާ ދުވަހަކަށް ހެދުމުގެ އަޒުމު ކަނޑައެޅުމަށް އެދިވަޑައިގެންނެވިއެވެ.
އޮފިސަރެއްގެ އެންމެ އަސާސީ އެއް ކަމަކީ އަޚްލާގާއި ނުގުޑާފަދަ އިންޓެގްރިޓީ ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވަނީ، އިންޓެގްރިޓީ ފެއިލްވާ އޮފިސަރަކު ޚިދުމަތުގައި ނުބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ފަރާތަކުން ކޮންމެ ފަދަ ހުށަހެޅުމެއް ހުށަހެޅި ކަމުގައިވީނަމަވެސް، ގާނޫނު ތަންފީޒުކުރުމުގައި ތެދުވެރިވެ، އަމިއްލަ ނަފްސަށާއި ދީނަށް ރައްކާތެރިވެ އިންޓެގްރިޓީ ދެމެހެއްޓުމަށް ވަޒީރު އިޙްސާން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...