ޚަބަރު

ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހެއް މިމަހު 31 ގައި ހުޅުމާލޭގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ މުފްތީ މެންކްގެ ދަރުހެއް މިމަހު 31 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށްޓަކައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެންކް ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close