އެއްވެސްމެޗަކުން ބަލިނުވެ ދިޔަ އިޓަލީން ފެށުން ރަނގަޅުކޮށްފި
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމަށް ކުޅުނު ހުރިހާމެޗަކުން މޮޅުވެ ސައްތައިންސައްތަ ރެކޯރޑަކާއިއެކު ޔޫރޯފުޓްބޯޅަ މުބާރާތައް ކޮލިފައިވި އިޓިލީން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ، މި ފަހަރު މުބާރާތުގެ ފެށުން ވެސް ރަނގަޅުކޮށްފި އެވެ. ރޭގެ މި މޮޅާއިއެކު އިޓަލީން މިވަނީ ބަލިނުވެ 28 މެޗު ހަމަކޮށްފައެވެ. އަދި ހަމަ އެހެންމެ ރޭގެ މެޗު ހިމަނައިގެން އިޓަލީން މިވަނީ އެޓީމުގެ ކޮޅަށް ގޯލެއް ވަނަ ނުދީ 9 މެޗު ހަމަކޮށްފައެވެ.
ރޭގެ މެޗުގައި އިޓަލީން ޖެހި ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނިޓުގައެވެ. މި ގޯލަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމައިރަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތުރުކީ އޭރިއާތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީ އަށް ލިބުނު ފުރުސަތުގައި އޭނާ ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެމައިރަލް ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. އިޓަލީ ޓީމުން އެޓީމުގެ ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. އަދި އެޓީމުގެ އެންމެފަހު ގޯލު އަދި 3 ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިންސީނިއޭ އެވެ. މިއީ އިމޯބިލޭ ޖައްސާލި ބޯޅަ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މުޅި މެޗަށް ބަލާއިރުވެސް އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް ނުރައްކާ ކުރާވަރުގެ އެއްވެސް ހަމަލާއެއް ތުރުކީ ޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ. އިޓަލީން ރޭގަ މިހޯދިކާމިޔާބީއަކީ އިޓަލީން ޔޫރޯގެ ތަރީޙްގައި އެޓީމުން އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 6.00 ގައި ބައްދަލުކުރާނީ ވޭލްސް އާއި ސްވިޒަލެންޑެވެ.

