ރައްޔިތުންނަށް މަޢުލޫމާތު ނުދޭނަމަ، ރައްޔިތުންގެ އިތުބާރެއް ނޯންނާނެ – އިންފޮމޭޝަން ކޮމިޝަނަރު
މައުލޫމާތު ދިނުމާއި އިދާރާތަކުގައި ހުރި މައުލޫމާތަށް ރައްޔިތުނަށް ވާސިލުނުވެވޭނަމަ، ނިންމާ ނިންމުންތަކާއި ކުރާ ޚަރަދާމެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެކަމަށާއި، ޚިޔާނާތާއި ފަސާދައިގެން ދޮރުތައް ބަންދެއް ނުވާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު މިގޮތަށް ވިދާޅުވީ ކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައިވަނީ ، ދައުލަތުގެ ބައެއް އިދާރާތަކުން ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުއްވި ބައެއް މަޢުލޫމާތު މިހާތަނަށް ފޯރުކޮށްދީފައިނުވާތީ، އެ މަޢުލޫމާތުތައް ވިހާވެސް އަވަހަށް ދޫކުރުމަށްއިލްތިމާސްކުރައްވާފައެވެ.
އައު އާންމު ހާލަތުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ހުޅުވައިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލްތަކާއި ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ މޭ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށާއި އިދާރާތަކުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅުން ހުރި މަސައްކަތްތައް ހިމެނުމަކީ މުހިންމު ކަމެއްކަމަށެވެ.
މިހާރު ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ހާލަތުގައި ގޮންޖެހުންތައް ހުންނާނެކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، ހެޔޮ ހިންގުމުގެ ނިޒާމެއްގެ އަދި ނަޒާހަތްތެރި ދައުލަތެއްގެ އެންމެ މުހިންމު ސިފައަކީ ހާމަކަން ބޮޑުވުމާއި،
ޚާއްސަކޮށް ކުއްލި ހާލަތެއްގައި ދައުލަތުގެ އިދާރާތަކަށާއި ވެރިންނަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރުކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނެރުއްވި ބަޔާނުގައި ވެއެވެ. އެކަން ހާސިލުވާނީ ހާމަކަން ބޮޑުވެ، އަދި ރައްޔިތުންނަށް، ރައްޔިތުންނަށް ރައްޔިތުންގެ މައުލޫމާތަށް ވާސިލުވެވިގެންކަމަށާއި، އެއީ މައުލޫމާތު ހޯދަށް ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަހަށް އިޖާބަ ދިނުންކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހުރިހާ މުއައްސަސާތަކަކުން ވެސް އެމަގަށް ކަންކަން ކޮށްދެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި މައުލޫމާތު ހޯދުމަށް ހުށަހަޅާފައި ހުރި ބައެއް މައްސަލަތަކާއި، މައުލޫމާތު ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމަވާފައިވާ ބައެއް މައްސަލަތަކުގައި ހިމެނޭ ބައެއް މައުލޫމާތު ދޫނުކުރައްވާ ހުރިކަން ފާހަގަކުރައްވައި، ކޮމިޝަނަރު ވަނީ އެ މައުލޫމާތު ލަސްނުކޮށް އަވަހަށް އަދި ފުރިހަމައަށް ދޫކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

