ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަމިއްލަރަށުގައި ހުރެގެން ޕާސްޕޯޓް ހެދޭނެ
މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި ތިބެގެން މާލެނުގޮސް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް، އަލަށް ތައާރަފް ކުރެވިގެންދާ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މިހިދުމަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކާ ގުޅިގެންކަމަށްވާއިރު މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ތ. އަތޮޅުގައެވެ.
އަމިއްލަ ރަށުގައި ހުރެގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް “ރަށުން” ގެ ނަމުގައި އާ ހިދުމަތެއް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފް ކޮށްފައިވާއިރު އިމިގްރޭޝަނުން ބުނީ ތ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ތ. ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަނަމަ، ރަސްމީ ބަންދުނޫން ގަޑިތައް ނުހިމެނޭ ގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ގާއިމްކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާއި ހަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ހިދުމަތާއި ގުޅޭ ގޮތުން އިމިގްރޭޝަނުގެ ކޮންޓްރޯލާ މުހައްމަދު ހަނަފީ ވިދާޅުވީ އެ ހިދުމަތް ތައާރަފު ކުރެވުނީ ޖަޒީރާ ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކަމަށެވެ.
މިއަދު މި ތަޢާރަފް ކުރި ‘ރަށުން’ ހިދުމަތް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި އަތޮޅު ތަކުގައި ފެށުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އިމިގްރޭޝަންގެ މަގުސަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، އިމިގްރޭޝަނުން ދޭ ހިދުމަތްތައް ލާމަރުކަޒީކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވީނަމަވެސް ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ހަމަހަމަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

