ޚަބަރު ބީއެމްއެލްގެ މާލީ ވަރުގަދަކަން ސާބިތުކޮށްދީފި: ނުވަ މަހުން 1.93 ބިލިއަން ރުފިޔާގެ ރެކޯޑް ފައިދާއެއް

ބީއެމްއެލްގެ މާލީ ވަރުގަދަކަން ސާބިތުކޮށްދީފި: ނުވަ މަހުން 1.93 ބިލިއަން ރުފިޔާގެ ރެކޯޑް ފައިދާއެއް

ބީއެމްއެލްގެ މާލީ ވަރުގަދަކަން ސާބިތުކޮށްދީފި: ނުވަ މަހުން 1.93 ބިލިއަން ރުފިޔާގެ ރެކޯޑް ފައިދާއެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ހޯދައި، އެ ބޭންކުގެ ތާރީޚުގައި ނުވަ މަހުގެ މުއްދަތެއްގައި ލިބުނު އެންމެ ބޮޑު ފައިދާގެ ރެކޯޑު ހަދައިފިއެވެ.

މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.

ނިމުނު ތިންވަނަ ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން ގޮތްގޮތުން 377.53 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކުން ހާމަކުރި ގޮތުގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ އިޤްތިޞާދީ މުހިންމު ދާއިރާތަކަށް ދޫކުރި ލޯނުތައް އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމާ ގުޅިގެންނެވެ.

މި މާލީ ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް އިތުރަށް ފުޅާވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ބީއެމްއެލްގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ވަނީ 38 އިންސައްތައިގައި ހިފެހެއްޓިފައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، ބޭންކުގެ ޖުމްލަ އެސެޓްސް 65.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ޕާފޯމިންގ ލޯނު (ސްޓޭޖް 3) ރޭޝިއޯ ވަނީ 4.8 އިންސައްތައަށް ދަށްކުރެވިފައެވެ.

ޓެގް

ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.