ޚަބަރު

ލަންދޫ ހެލްތު ސެންޓަރ މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގައި ޑައިލަސިސްގެ ސެންޓަރެއް ޤާއިމުކުރުމަށާއި ނ.ލަންދޫ ޞިއްޙީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ބަޔަކާއި ހެލްތް މިނިސްޓްރީން ޙަވާލުކޮށްފިއެވެ. 

މި ދެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ހެލްތް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެމަޝްރޫޢުގެ ތެރެއިން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގައި ޑައިލަސިސްގެ ސެންޓަރެއް ޤާއިމުކުރުމަށް ދެމިލިއަން އެއްސަތޭކައަށްވުރެ ގިނަ ރުފިޔާ، އަދި ލަންދޫ ޞިއްޙީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. 

ހެލްތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ޑައިލަސިސްގެ ޚިދުމަތަކީ މިހާރު ފުވައްމުލައް ސިޓީއަށްވެސް ބޭނުން ޖެހިފައިވާ ޚިދުމަތެއްކަމަށާއި، އަލަށް ޤާއިމުކުރެވޭ ޑައިލަސިސް ސެންޓަރާއެކު ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ލަންދޫ ޞިއްޙީ މަރުކަޒު މަރާމާތުކުރުމަށް މި ކުރެވޭ މަސައްކަތުގެ ދަށުން، އެމަޒުކަޒުގައި ދާދިފަހުން ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތުކުރުމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ހެދުމަށް ޢިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ގުޅުންހުރި ލިޔުންތައް

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުގެ ޞިއްޙީ ވަޢުދުތައް ފުއްދެވުމަށްޓަކައި ބަޖެޓުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އަލަށް އިމާރާތްކުރަންޖެހޭ ހޮސްޕިޓަލްތަކާއި މަރާމާތުގެ މަސައްކަތްތަކާއި ޞިއްޙީ އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ޞިއްޙީ ދާއިރާއަކީ ނަތީޖާ ޙާސިލުކުރާ ދާއިރާއަކަށް ހައްދަވާނެކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

“ހެލްތް ސެކްޓަރގައި އެބަހުރި ޢިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ލެބޯޓްރީތައް ހެދުމާއި، އައު ހޮސްޕިޓަލްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް. ޞިއްޙީ ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމާއި، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމަށް މި ތައްޔާރުވަނީ. މިއަހަރުގެ ތެރޭގައި ބަޖެޓުކުރެވިފައި ހުރި ޞިއްޙީ މަރުކަޒުތައް އެޅުމާއި، އިމާރާތްތަކަށް ގެންނަންޖެހޭ މަރާމާތާއި، އެނޫންވެސް ކަންކަން ކުރާނަން. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި ރައްޔިތުންނަށް ތަފާތެއް ފެންނަވަރުގެ ބަދަލަތެއް އައުން.” ހެލްތް މިނިސްޓަަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ. 

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގައި ޑައިލަސިސްގެ ސެންޓަރެއް ޤާއިމުކުރުމަށް ރައިޒާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 85 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި ލަންދޫ ޞިއްޙީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 25 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

(ޕީއެސްއެމް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close