މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވި މައްސަލައިގައި، އެ ދަރިވަރުން ދަތުރުކުރި ޓެކްސީ ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިއްޖެއެވެ.
މި ނުރައްކާތެރި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ ނިޔާވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ދިރިއުޅޭ ތަނަށް ދިޔަ މަގުމަތީގައި، ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި އޭނާއާއެކު ކިޔަވަމުންދާ އެހެން ދިވެހި އަންހެން ދަރިވަރަކާއެކު ޓެކްސީއެއްގައި ދަތުރުކުރަނިކޮށެވެ.
ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރި ޕްރޮޓޯން މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހިގެންނެވެ.
ޖެހުނުލެއް ބާރުކަމުން ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނުއިރު، ކާރުގެ އެތެރޭގައި ތާށިވި އިމީލީ ވަނީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް ނިޔާވެފައެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައިވާއިރު، ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.
މި ހާދިސާއާ ގުޅިގެން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން، މައްސަލައިގެ ތަހުގީގަށް އޭނާ ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންނަށް ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...