ޚަބަރު މަހަކު 3,500 ރުފިޔާއަށް ދަރިވަރުންނަށް ދޫކުރާ "އެކުވެހި" ރެސިޑެންސަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެންބަރު 1 ގައި ހުޅުވާލަނީ

މަހަކު 3,500 ރުފިޔާއަށް ދަރިވަރުންނަށް ދޫކުރާ "އެކުވެހި" ރެސިޑެންސަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެންބަރު 1 ގައި ހުޅުވާލަނީ

މަހަކު 3,500 ރުފިޔާއަށް ދަރިވަރުންނަށް ދޫކުރާ "އެކުވެހި" ރެސިޑެންސަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެންބަރު 1 ގައި ހުޅުވާލަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަތީ ތައުލީމު ހާސިލުކުރުމަށް މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޯ ލިވިން ރެސިޑެންސް "އެކުވެހި" އިން ކޮޓަރިއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ހުޅުވާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ހާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކުރިމަތިލުމަށް ހުޅުވާލާ މި ރެސިޑެންސް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ ވަރަ އެކްސްޕޯ 2026 ގެ ތެރެއިންނެވެ.

މި އެކްސްޕޯގެ ތެރެއިން "އެކުވެހި" އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، އެ އިމާރާތަށް ޒިޔާރަތްކޮށް ތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި ޒަމާނީ އިމާރާތުގައި ޖުމުލަ 178 ޓްވިން ޝެއަރިން ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭ ތަނެކެވެ.

މި ރެސިޑެންސްގެ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރިއާއި، ކިޔަވާ މޭޒާއި ގޮނޑީގެ އިތުރުން ފާހާނާ ހުންނާނެއެވެ.

ދަރިވަރުންގެ ދިރިއުޅުމަށް ފަސޭހަވާނެހެން އާންމުކޮށް ބޭނުންކުރެވޭ ޕެންޓްރީއާއި ލޯންޑްރީގެ ހިދުމަތް މި އިމާރާތުގައި ހަމަޖެހިފައިވާއިރު، ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިން ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ ވޯކިން ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިން އަދި އޭޓީއެމްގެ ހިދުމަތާއި، ކެފޭއާއި ޖިމާއި ފިހާރަތަކުގެ އިތުރުން ޕްރިންޓިން ސެންޓަރަކާއި، ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ 18 މިނީ އޮފީސް ޔުނިޓް ވަނީ ތަރައްގީކޮށްފައެވެ.

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ވެސް މި އިމާރާތުގައި ވަނީ ގާއިމުކޮށްފައެވެ.

މި ރެސިޑެންސަށް ކުރިމަތިލެވޭނީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ.

ކޮންމެ ސެމިސްޓަރއަކު ދަރިވަރުގެ ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަހު އެއްބަސްވުން އާކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި މަޝްރޫއުގެ ސަބަބުން، ކިޔަވަން އަންނަ ދަރިވަރުންގެ މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތަކަށް ނިމުމެއް އައިސް، އާއިލާތަކަށް އުފުލަންޖެހޭ މާލީ އަދި އިޖުތިމާއީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

ޓެގް

އެކުވެހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.