ބޭރުދުނިޔެ އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގައިވެސް، އިޒްރޭލުން ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

އެންމެ ފަހުން ދިން ހަމަލާގައި، ދެކުނު ޣައްޒާގެ ރަފަހުގެ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން އެއްވެ ތިބި ތަނަކަށް އިޒްރޭލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ އެހެން ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މީގެ ކުރިން ހުކުރު ދުވަހު އުތުރު ޣައްޒާގެ ބީރް އަލްނަޖާ ސަރަހައްދުގައި އޮތް އުޅަނދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުވެ އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން އަނަދޯލު އޭޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

އަދި ހުކުރު ދުވަހުގެ ހެނދުނު ޖަބާލިއާގައި އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެފައިވާއިރު، އެ ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ސިއްހީ މަސްދަރުތަކުން ބުނެއެވެ.

ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްރިމާލް އަވަށުގެ އަލްހަސައިނާ އިމާރާތުގެ އެޕާޓްމަންޓަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޒަޚަމްވި ހަ މީހަކު އަލްޝިފާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ދެކުނާއި އުތުރުގައި އޮންނަ އަލްމަސްލަޚް އަދި ހަމަދު ސިޓީއަށް ހުކުރު ދުވަހުގެ މެންދުރުފަހު އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އަންހެނަކު ހިމެނޭހެން ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

އަދި އޭގެ ކުރިން ޚާން ޔޫނިސްގެ ދެކުނުގައި އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނު އަންހެނަކު ޒަޚަމްވެގެން ނާސިރު ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ޚާން ޔޫނިސްގެ އިރުމައްޗާއި މެދުތެރޭގެ ސަރަހައްދުތަކަށް އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުން ބަޑިޖަހައި ބޮޑުބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މެދުތެރޭ ޣައްޒާގެ ދީރް އަލްބަލާހުގެ އިރުމަތީ ސަރަހައްދަށްވެސް އިޒްރޭލުން ބޮޑުބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ލޯކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އެ ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިޒްރޭލުން އެއްބަސްވުމާ ޚިލާފަށް ދިން ހަމަލާތަކުގައި 1,705 މީހުން ޝަހީދުވެ 6,163 މީހުން ވަނީ ޒަޚަމްވެފައެވެ.

އެމެރިކާގެ ތާއީދާއެކު އެކުލަވާލި ޕްލޭނެއްގެ ދަށުން އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެއްބަސްވުމުގެ ބާކީ ހުރި ބައިތައް ތަންފީޒުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މިހާރުވެސް ޣައްޒާގެ ގާތްގަނޑަކަށް 70 އިންސައްތަ ސަރަހައްދު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުގެ ގާތްގަނޑަކަށް 75,000 މީހުން ޝަހީދުވެ، 176,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި ހަނގުރާމައިގައި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.

ޓެގް

ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.