ޚަބަރު

ނ. ހޮޅުދޫ އަދި ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއާއި ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ ރަށުގެ ސިއްޙީ މަރުކަޒުތަކުގައި މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު މިދެރަށުގައި ވަކިވަކިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތުތަކެއްގައެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލް އިދާރާގެ މެންބަރުންނާއި، ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފެށުމަކީ ހޮޅުދޫއާއި ވެލިދޫގެ ރައްޔިތުންނަށް ޞިއްޙީ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ ސަބަބުން އެކްސްރޭ ނެގުމަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެ، ރަށުގައި ތިބެ ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ހިނގާބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މިކަމުގެ ލުއި ބޮޑުވެ، ބަލި ދެނެގަތުން އަވަސްވެ، އެކަށީގެންވާ ފަރުވާ ދިނުމަށް ވަގުތު ކުރުވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވެލިދޫގައި ދެއްކެވި ވާހަކަފުޅުގައި، މިއަދު ފެށުނު އެކްސްރޭގެ ޚިދުމަތަކީ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުންދިޔަ ހުވަފެނެއް ކަމަށާއި، މިއަދު އެ ހުވަފެން ހަޤީޤަތަކަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close