ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ހަތަރު ދާއިރާއެއްގައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިގެން އަމާންކަމާއެކު ކުރިއަށް އެބަދެއެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އަދި އެ ރަށު ޑަބްލިއުޑީސީގެ މެންބަރަކު އިންތިޚާބު ކުރުމެވެ. މީގެއިތުރުން ހއ. ވަށަފަރު ޑަބްލިއުޑީސީ އާއި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީގެ ހުސްވެފައިވާ ގޮނޑިތަކަށް ވެސް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ދަނީ ވޯޓު ނަގަމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު 3,776 މީހަކަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓުލުން ފެށިގެން ހެނދުނު 9:00 އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 176 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ނިސްބަތުން 4.66 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 65 އަންހެނުންނާއި 111 ފިރިހެނުންނެވެ.
ވޯޓުލުމުގެ އިންތިޒާމުތައް ފަސޭހަކުރުމުގެ ގޮތުން ކަމާބެހޭ ރަށްރަށުގައި ފަސް ވޯޓުފޮށި އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލެ ސަރަޙައްދުގައި ފަސް ފޮށި ހިމެނޭހެން ޖުމްލަ ދިހަ ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި މަސައްކަތުގައި އީސީގެ 81 އޮފިޝަލުން ހަރަކާތްތެރިވަމުން އަންނައިރު، އިންތިޚާބުގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމަށް މޮނިޓަރުންނާއި އޮބްޒާވަރުން ހިމެނޭހެން 100 އަށް ވުރެ ގިނަ ފަރާތްތަކުން މަރުކަޒުތަކުގައި ޙަރަކާތްތެރިވެއެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. އަދި ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު، ވޯޓުލުން ނިމޭތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ މެންބަރުން އެކި ސަބަބުތަކާ ހުރެ އިސްތިޢުފާ ދިނުމާ ގުޅިގެން، ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި އީސީން އަންނަނީ ތަކުރާރުކޮށް ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަމުންނެވެ. މިފަދަ ބައި-އިލެކްޝަންތަކުގައި ޢާންމުކޮށް ވޯޓުލާ މީހުންގެ ނިސްބަތް ދަށްވުމާއި، މިކަމަށް ދަޢުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އަބަދުވެސް އޮވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...