ދީން ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ވާހަކަ – 4: ހިތްހެޔޮކަމާއި ޞަދަޤާތުގެ ބަރަކާތް

ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ވާހަކަ – 4: ހިތްހެޔޮކަމާއި ޞަދަޤާތުގެ ބަރަކާތް

ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ވާހަކަ – 4: ހިތްހެޔޮކަމާއި ޞަދަޤާތުގެ ބަރަކާތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒައިދަކީ ކުޑައިރުއްސުރެ ނަމާދުކުރުމަށާއި، މީހުންނަށް އެހީތެރިވުމަށް ލޯބިކުރާ ވަރަށް ހިތްއަލި ކުއްޖެކެވެ. ޒައިދުއަށް އާއިލާގެ މެމްބަރުން އެކި ދުވަސްދުވަހުދޭ މަދު ރުފިޔާ އެއްކޮށް ރައްކާކުރަމުންދިޔައެވެ. އެއީ އޭނާ ވަރަށް ގަންނަން ބޭނުންވާ ވާހަކަފޮތެއް ގަތުމުގެ އުންމީދުގައެވެ. ގިނަ ދުވަސްތަކެއް ވަންދެން ފައިސާ އެއްކޮށްގެން، އެ ފޮތް ގަނެވޭ ވަރަށް ޒައިދުގެ އަތުގައި ފައިސާ ހަމަވިއެވެ.

ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޒައިދު އުފަލުން ފޮޅިފައި ހުރެ ފޮތް ގަންނަން ފިހާރައާ ދިމާއަށް ހިނގައިގަތެވެ. މަގުމަތިން ހިނގާފައި ދަނިކޮށް، އޭނާއަށް ފެނުނީ މަގުގެ އެއްފަރާތުގައި އިށީނދެގެން އިން ވަރަށް އުމުރުން ދުވަސްވީ، ނިކަމެތި ފަޤީރު ފިރިހެނެކެވެ. އެ މީހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި ބަނޑުހައިހޫނުކަމުގެ އަސަރެވެ. އޭނާގެ ކައިރީގައި ކާނެ އެއްޗެއް ވެސް އަދި ބޯނެ ފެންފޮދެއްހާ ހިސާބުވެސް ނެތެވެ.

މި މަންޒަރު ފެނުމުން ޒައިދުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާގެ ޖީބުގައި އޮތް ފައިސާކޮޅުގައި އަތްޖައްސާލެވުނެވެ. އެއީ އެތައް ދުވަހަކު މަސައްކަތް ކޮށްގެން އެއްކުރި ފައިސާއެވެ. ފޮތް ގަންނާނީތޯ ނުވަތަ މި ނިކަމެތި މީހާއަށް ކާނެ އެއްޗެއް ހޯދައިދޭނީތޯ ހިތާހިތުން ސުވާލުކޮށްލިއެވެ.

އެވަގުތު ޒައިދުގެ ހަނދާނަށް އައީ، މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެކެވެ. “ޞަދަޤާތް ދިނުމަކުން މުދަލަކުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ.” އަދި އެހެން މީހުންނަށް ކުލުނުވެރިވެ، އެހީތެރިވުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އޭނާ ދަނެއެވެ.

ޒައިދު އެއްވެސް ޖެހިލުމެއްނެތި ކައިރީގައި ހުރި ކާބޯތަކެތި ވިއްކާ ފިހާރައަކަށް ވަދެ، އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއަކަށް ރަނގަޅު ކާނާއާއި ފެން ގަނެގެން އައިސް އެ ދުވަސްވީ މީހާއަށް ދިނެވެ. އެ މީހާ އުފަލުން ފުރިގެންވީ ހާލު، ޒައިދަށްޓަކައި ހެޔޮ ދުޢާކުރިއެވެ. “ދަރިފުޅާއެވެ! ﷲ ދަރިފުޅުގެ ޢުމުރާއި ޢިލްމުގައި ބަރަކާތް ލައްވާށިއެވެ!”

ޒައިދު ގެއަށް ދިޔައީ ފޮތް ނުގަނެވުނު ނަމަވެސް، ހިތަށް ލިބުނު ބަޔާންކުރަން ދަތި އުފާވެރިކަމާއެކުގައެވެ. ގެއަށް ގޮސް މަންމައަށް ވީގޮތް ކިޔައިދިނުމުން، މަންމަ ޒައިދު ގައިގާ ލޯބިން ބައްދާލިއެވެ.

އަދި ހަމަ އެރޭ، ޒައިދުގެ ބޮޑުބޭބެ ޒައިދުމެން ގެއަށް ޒިޔާރަތްކުރިއެވެ. އަދި ބޮޑުބޭބެ ޒައިދަށް ވަރަށް ރީތި ހަދިޔާ ޕާރުސަލެއް ދިނެވެ. ޒައިދު ކެތްމަދުވެފައި އިނދެ އެ ޕާރުސަލް ކަނޑާލިއިރު، އޭގެ ތެރޭގައި އޮތީ ހަމަ ޒައިދު ގަންނަން އުޅުނު ވާހަކަފޮތާއި، އިތުރު އެހެން ރީތި ފޮތްތަކެކެވެ! ޒައިދުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނެވެ. މާތް ﷲ އަށް ހެޔޮހިތުން ކުރި ހޭދައިގެ ބަދަލު، އެކަލާނގެ އެއަށްވުރެ މާ ފުރިހަމައަށް ދެއްވިކަން އޭނާއަށް ޔަޤީންވިއެވެ.

ވާހަކައިން ލިބޭ ޢިބްރަތް:

ޞަދަޤާތުގެ މާތްކަން: މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ހޭދަކުރާ އެއްޗެއް ދުވަހަކުވެސް ގެއްލިގެން ނުދާނެއެވެ. އެކަލާނގެ އެއަށްވުރެ ހެޔޮ ދަރުމަ ދެއްވާނެއެވެ.

ނިކަމެތިންނަށް އަޅާލުން: ދަތިހާލުގައި އުޅޭ މީހުންނާއި ފަޤީރުންނަށް އެހީތެރިވުމަކީ މާތް ﷲ ގެ ރުއްސެވުމާއި ލޯބި ލިބޭ މަތިވެރި އަޅުކަމެކެވެ.

އިޚްލާޞްތެރިކަން: ތިމާގެ އަމިއްލަ އެދުމަށްވުރެ އެހެން މީހުންގެ ހާލަތަށް އިސްކަންދީ، ހެޔޮހިތުން ކަންކަން ކުރުމުން ހިތަށް ހަޤީޤީ އުފާވެރިކަމާއި ހަމަޖެހުން ލިބެއެވެ.

ޓެގް

އިސްލާމްދީން ކުޑަކުދިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.