ޚަބަރު 2033 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް : ރައީސް

2033 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް : ރައީސް

2033 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް : ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

2033 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ 2033 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

އަންނަ އަހަރުގެ ‘ވިޒިޓް މޯލްޑިވްސް އިޔަރ’ ގައި ފަތުރުވެރިންގެ ނިސްބަތް އިތުރުކޮށް، އަހަރަކަށްވުރެ އަހަރެއް އައު ރިސޯޓުތައް ހުޅުވުމާއި، ބޭނުންވާ އެކިކަހަލަ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދީ، އެކި ގޮތްގޮތުން ފަހިކޮށްދެވޭ ކަންކަމާއެކު، 2033 އާ ހަމައަށް ދާންވާއިރަށް އަހަރަކު ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރާއި ޕާޓީގެ ސިޔާސަތުގެ ތެރެއިން ހަގީގަތަކަށް ހަދައިދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 55 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، އަންނަ އަހަރަކީ ‘ފަތުރުވެރިކަމުގެ އަހަރު’ ގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،484،097 (އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިއަހަރުގެ ކުރީކޮޅު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މިހާރު މި ސިނާއަތަށް ބޮޑު ކުރިއެރުމަކާއި ދިރުމެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ސިނާއަތަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، ރާއްޖެއަށް އައު އެއާލައިންތަކުގެ ދަތުރުތައް ފެށުމާއި، ފަތުރުވެރިން އަންނަ މާކެޓުތައް އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މި ސިނާއަތުގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.