ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އިޙްތިފާލުގައި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ޚިދުމަތްތަކަށާއި އީޖާދީ މަސައްކަތްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކާއެކު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި ޙަފުލާގައި އެންމެ ގިނަ ވަނަތައް ކަށަވަރުކޮށް، އެންމެ ކާމިޔާބު ކުންފުނީގެ ލަގަބުވެސް ވަނީ އެ ކުންފުންޏަށް ލިބިގެން ގޮސްފައެވެ.
ކުންފުނީގެ ފެންވަރުގައި އެމްޑަބްލިއުއެސްސީން ހާސިލުކުރި އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ ‘ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް’ ގެ އިތުރުން ‘ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް’ އެވެ.
ދެމެހެއްޓެނިވި މަސައްކަތްތަކަށް ދޭ ޝަރަފުވެރި އެވޯޑު އެ ކުންފުންޏަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ، ސައްތައިން ސައްތަ އިރުގެ އަލިން ހަކަތަ އުފައްދައިގެން ހިންގާ، ވިހަ ގޭސް ބޭރުނުކުރާ ފެން އުފައްދާ ނިޒާމަށެވެ. އަދި މުޖުތަމަޢަށް ކުރާ ހެޔޮ އަސަރުތަކަށް ދިން އެވޯޑު އެ ކުންފުންޏަށް ލިބިފައިވަނީ ރ. ދުވާފަރުގައި ހިންގަމުން އަންނަ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްގެ ކާމިޔާބީއަށެވެ. އެއީ ފެނާއި ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖުކުރުމާއި ވާރޭފެން ރައްކާކުރުން ފަދަ ޔުޓިލިޓީގެ މުހިންމު ޚިދުމަތްތައް އެއް ނިޒާމަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އީޖާދީ މޮޑެލެކެވެ.
މީގެއިތުރުން ވަކިވަކި އިންޖިނިއަރުންގެ ކެޓަގަރީންވެސް އެމްޑަބްލިއުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ޑރ. ފުރުޤާން އިބްރާހީމް ވަނީ ދެ އެވޯޑެއް ޙާޞިލުކުރައްވާފައެވެ. އެއީ މިއަހަރުގެ “އިންޖިނިއަރ އޮފް ދަ އިޔަރ” އެވޯޑާއި، “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” އެވެ.
މި ކާމިޔާބީތަކާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ، މިއީ ތިމާވެއްޓަށް ގެއްލުން ކުޑަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުންނާއި އިންޖިނިއަރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މުސްތަޤުބަލުގައިވެސް އިތުރު ދިރާސާތަކާއި އައު އީޖާދުތަކަށް އިންވެސްޓްކޮށްގެން، ޤައުމީ ފެންވަރުގައި އިތުބާރު ހުރި ޚިދުމަތްތަކެއް ދިނުމުގައި ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެމްޑަބްލިއުއެސްސީން މިހާރުވެސް ދަނީ މާލޭގައި ފެން ރައްކާކުރާ މިންވަރު އިތުރުކުރުމަށް 20،000 ލީޓަރުގެ ބޮޑު ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އަހަރު ކަނޑުގެ 500 މީޓަރު އަޑިން ފެން ނަގައިގެން އުފެއްދުމުގެ އީޖާދީ ބިޔަ މަޝްރޫޢެއް ފެށުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...