ދިވެހި މުޖުތަމަޢުގައި އޮތް އަޚްލާޤީ ރިވެތި އާދަތައް އަލުން ދިރުވައި، ޤައުމަށް ފައިދާހުރި ކަންކަން ކުރުމުގައި ސިޔާސީ ޚިޔާލުތަފާތުވުންތައް ދޫކޮށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކަކު އަނެކަކަށް ކަމޭހިތުމާއި، އަވައްޓެރިންނާއި ދޮށީ އުމުރުގެ މީހުންނަށް އަދި ކުޑަކުދިންނަށް އިޙްތިރާމްކުރުމުގެ މަތިވެރި ސިފަ މުޖުތަމަޢުގެ ތެރެއިން ފަނޑުވަމުން ގޮސް ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާއި ހަމަޖެހުމަށްޓަކައި އެ ރިވެތި އަޚްލާޤީ ސިފަތައް އަލުން އަނބުރާ ގެނައުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށް “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން މިހާރު ވަނީ ފާސްކޮށްފައެވެ. މި މަޝްރޫޢަކީ ދިވެހީންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އަދަބުއަޚްލާޤު ހަރުދަނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
ނަމަވެސް، މިފަދަ ޤައުމީ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދިޔައިރު ސަރުކާރުން ދިން ދަޢުވަތު އިދިކޮޅު ސިޔާސީ ޕާޓީތަކުން ޤަބޫލުކޮށްފައި ނުވާތީ ރައީސް ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް ފައިދާކުރާ މިފަދަ އިޖުތިމާޢީ މުހިންމު ކަންކަމުގައި ސިޔާސީ ޕާޓީތަކާއި މީޑިއާތައް ވެސް ޝާމިލުވެ، އެންމެން އެއް އަޑަކުން ވާހަކަދައްކަން ޖެހޭނެ ކަމަށެވެ.
ދިވެހިވަންތަކަމާއި ޤައުމިއްޔަތުގެ ވިސްނުން އަށަގެންނެވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތަކަށް ވާއިރު، އެކަމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފައްދައި، ސްކޫލް މަންހަޖުގެ ތެރެއިން ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި ދިވެހި ތާރީޚާއި ސަގާފަތް ދިރުވުމަށްޓަކައި “ދިވެހި ޤައުމީ ތަރިކައިގެ ދިރާސީ މަރުކަޒު” ގެ ނަމުގައި މަރުކަޒެއް ޤާއިމުކޮށް ގިނަ ހަރަކާތްތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.
މީގެއިތުރުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި ދީނީ ނަޞޭޙަތާއި ޛިކުރު އެކުލެވޭ ބޯޑުތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...