ކުޅިވަރު ވާދަވެރި ލަންކާ ބަލިކޮށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އޭއެފްސީ ކޮލިފައިން ފޭސްއަށް

ވާދަވެރި ލަންކާ ބަލިކޮށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އޭއެފްސީ ކޮލިފައިން ފޭސްއަށް

ވާދަވެރި ލަންކާ ބަލިކޮށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އޭއެފްސީ ކޮލިފައިން ފޭސްއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު ދެވަނަ މެޗުގައި 4-0 އިން ސްރީ ލަންކާ ބަލިކޮށް، ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ކަށަވަރުކޮށްފިއެވެ.

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއެކު ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު ފުރަތަމަ މެޗުން ބްރުނާއީ އަތުން 2-0 އިން މޮޅުވި ރާއްޖޭގެ ޓީމުން ވަނީ ވިލިނގިލީގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ކޮލިފިކޭޝަން ފޭސްއަށް ދަތުރުކުރި ފުރަތަމަ ދެ ޓީމުގެ ތެރޭގައި ހިމެނިފައެވެ. މިއީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމަކުން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

މިޔަންމާގެ ތުވުންނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާންއެވެ. އިލާން މި ގޯލު ޖެހީ ނައްސާހު އިބްރާހިމް ނާސިރު ފޮނުވާލި ބޯޅައެއް ލަންކާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 60 ވަނަ މިނިޓްގައި ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޝަމްހާން (ޝަމްބެ) އެވެ. އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަދެގެން ދިޔައިރު، މީގެ ތިން މިނިޓް ފަހުން ލަންކާގެ މުހައްމަދު ފާރިގަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުގެ އުނދަގޫތައް އިތުރުވިއެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ލަންކާ ކޮޅަށް ރާއްޖޭގެ ތިންވަނަ އާއި ހަތަރުވަނަ ލަނޑު މެޗުގެ 78 އާއި 80 ވަނަ މިނިޓްގައި ޖަހައިދިނީ ނައްސާހުއެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލަކީ އަހުޒަމް ރަޝީދު ނަގައިދިން ކޯނަރަކުން ބޮލުން ޖެހި ގޯލެކެވެ.

މި ގްރޫޕުގައި ރާއްޖެއާއެކު ދެވަނަ ބުރަށް ކޮލިފައިވި މިޔަންމާއިން ވަނީ ބްރުނާއީ އަތުން 7-0 އިން މޮޅުވެ، ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅުމަށް ރާއްޖެއާއި މިޔަންމާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.

ޓެގް

އޭއެފްސީ ކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.