ބޭރުދުނިޔެ ހިމާލިޔާ ސަރަހައްދަށް އައި ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 750 އަށް އަރައި، 3،000 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ހިމާލިޔާ ސަރަހައްދަށް އައި ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 750 އަށް އަރައި، 3،000 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ހިމާލިޔާ ސަރަހައްދަށް އައި ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 750 އަށް އަރައި، 3،000 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހިމާލިޔާ ސަރަހައްދުގައި ފާއިތުވި ހަފުތާގައި ހިނގި ފެންބޮޑުވުމާއި ކިސަކަޑައިގެން ދިއުމުގެ ހާދިސާތަކުގައި ނޭޕާލާއި ޗައިނާގެ ތިބަތުން މަރުވި މީހުންގެ އަދަދު 750 އަށް އަރައި، 3،044 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ. މި ކާރިސާއާ ގުޅިގެން ކޯރުތަކުގެ ފެންގަނޑު ބޮޑުވަމުން ދާތީ ރެސްކިއު ޓީމުތަކުން މިހާރު ދަނީ އުސް ސަރަހައްދުތަކަށް ޖެހެމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އަދި ގްލޭޝިއާ ކަނޑައިގެން ގޮސް އުފެދުނު ފެންގަނޑު ފުރިބަންޑުންވެ އާ ފެންބޮޑުވުމެއް އުފެދިދާނެ ކަމުގެ ބިރު އޮތުމުން ހުކުރު ދުވަހުން ފެށިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެކި ފަހަރު މަތިން ވަނީ މެދުކަނޑާލަން ޖެހިފައެވެ. ރެޑް ކްރޮސްއިން އަންދާޒާކުރާ ގޮތުގައި މި ކާރިސާގެ އަސަރު 90،000 އަށް ވުރެ ގިނަ މީހުންނަށް ކުރާނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ނޭޕާލްގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ވިދާޅުވީ، މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ބޯޑަރު ހުރަސްކުރި ކާރިސާ ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އިންތިހާއަށް އުނދަގޫވެފައިވާ ކަމަށެވެ. މި ހާދިސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަމެއް ކަމަށް ޗައިނާއިން ބުނެފައިވެއެވެ.

ނޭޕާލްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ގަނޑުފެނާއި ހިލައާއި ކިސަޑު އެޅިގެން ބެދިފައިވާ ހައިޑްރޯޕަވާ ޕްލާންޓްތަކުގެ ޓަނަލްތަކުގައި ތާށިވެފައި ތިބި ސަތޭކައެއްހާ މީހުން ސަލާމަތްކުރުމަށެވެ. ނޭޕާލްގެ ޑިޒާސްޓާ އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެގައުމުން 734 މީހުން މަރުވެ، 2،498 މީހުން ގެއްލިފައިވާއިރު، 7،514 މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

ޗައިނާގެ ތިބަތުގެ ގީރޮންގް ކައުންޓީން 16 މީހުން މަރުވެ، 546 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. ތިބަތް ފަޅިން ގެއްލުނު 23 ގައުމެއްގެ 261 ބޭރު މީހުންގެ ތެރޭގައި ނޭޕާލްގެ 104 މީހުންނާއި، އިންޑިއާގެ 49 މީހުންނާއި، ލެޓްވިއާގެ 33 މީހުންގެ އިތުރުން އެމެރިކާގެ 18 މީހަކާއި އިނގިރޭސިވިލާތުގެ 15 މީހަކު ހިމެނެއެވެ. ގެއްލިފައިވާ މީހުން ދެނެގަތުމަށާއި ކާރިސާތަކުން ރައްކާތެރިވުމަށް ޗައިނާއާއި ނޭޕާލް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ވިއްސާރަ ވުމުގެ ސަބަބުން ތްރިޝޫލީ ކޯރުގެ ފެންގަނޑު އުފުލި، އެ ސަރަހައްދުގެ ރައްޔިތުންނާއި ރެސްކިއު ވޯކަރުން ރައްކާތެރި އުސް ސަރަހައްދުތަކަށް ޖެހެން ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އާންމު މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޭރުގެ އެހީ ބޭނުން ނުވި ނަމަވެސް، ޓަނަލް ރެސްކިއު މަސައްކަތްތަކަށާއި، ޑީއެންއޭ ޓެސްޓް ހެދުމަށާއި، ހަށިގަނޑުތައް ބަހައްޓާނެ ފިނިކުރި ތަންތަން ހޯދުމަށް އެހީތެރިކަން ބޭނުންވާ ކަމަށް ނޭޕާލްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޮކް ބަހާދޫރު ޗެތުރީ ވިދާޅުވިއެވެ. މިހާރު ވެސް އިންޑިއާއާއި ޗައިނާގެ މާހިރުން ދަނީ ޓަނަލްތައް ހުޅުވުމުގެ މަސައްކަތުގައި އެހީތެރިވަމުންނެވެ.

ކުރިން އުފެދުނު ފެންގަނޑު ހުސްވި ނަމަވެސް، ޑްރޯންތަކުން ވަނީ އެ ސަރަހައްދުން 2.8 ކިލޯމީޓަރު ތިރިން ބިންގަނޑު ކަނޑައިގެން ގޮސް އައު ފެންގަނޑެއް އުފެދިފައިވާކަން ދެނެގަނެފައެވެ. އެހެންކަމުން ގީރޮންގް ބޯޑަރު ކައިރީގައި ތިބި ރެސްކިއު ޓީމުތައް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ކިސަޑު ފައިބައިގަތުމަށް ފަހު ގީރޮންގް ބޯޑަރާ ހަމައަށް ދިއުމަށް ނެގީ އެންމެ 6 އާއި 7 މިނެޓާ ދެމެދުގެ ވަގުތުކޮޅެކެވެ.

ޗައިނާއިން ވަނީ 2،100 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުން ނެރެ، އެހީގެ މަސައްކަތްތަކަށް 220 މިލިއަން ޔުއާން ކަނޑައަޅާފައެވެ. މީގެ އިތުރުން އެމަޖެންސީ ފައިސާގެ އެހީއާއި، ސެޓެލައިޓް ޑޭޓާއާއި، ޓަނަލް ރެސްކިއު މާހިރުން ނޭޕާލަށް ފޮނުވަމުންދާއިރު، ބޯޑަރު ސަރަހައްދުގައި ތިބި ޓީމުތަކަށް ސާމާނު ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރާއި ބޮޑެތި ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ.

ޓެގް

ނޭޕާލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.